މި 5 އަހަރުތެރޭ ކޮންމެ މީހަކަށްވެސް 1 ހައުސިންގ ޔުނިޓް ދޭން ބޭނުން- ވައުދު ފުއްދެން އޮތީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން: ޑރ. މުޙައްމަދު މުޢިއްޒު

ގަލޮޅުގެ ދެ ދާއިރާއަށް ކުރިމަތިލާފައިވާ އަޅުގަނޑުމެންގެދެ ކެނޑިޑޭޓުން، ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓް އިބުޓި، އަދި ގަލޮޅު އުތުރު ދާއިރާގެ ކެނޑިޑޭޓް އާނަ. އަދި ދަޢުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި ކުންފުނިތަކުގެ އިސް ވެރިންނާއި، މި ދެ ދާއިރާގެ ލޮބުވެތި ރައްޔިތުން، މާލޭގެ ލޮބުވެތި ރައްޔިތުން، މި ޖަލްސާ ދުރާޢި ގާތުން ބަލައްވަމުން ގެންދަވާ އެންމެހާ އަޚުންނާއި އުޚްތުން، އައްސަލާމް ޢަލައިކުން ވަރަޙްމަތުﷲ ވަބަރަކާތު. 
އާދެ، ރައްޔިތުން މަޖްލީހުގެ އިންތިޚާބުގައި ވޯޓު ލާންވީ ދުވަސް މިހާރު މިވަނީ ވަރަށް ކުޑަތަންވެފަ. 21 ވަނަ ދުވަހު އަޅުގަނޑުމެން އެންމެން ހެނދުނުހެނދުނާ އަވަސްވެގަންނަންވީ ތަރައްޤީއަށް ވޯޓު ދިނުމަށް ނުކުމެ ވަޑައިގަތުމަށް. ޤައުމުގެ ހަމަޖެހުމަށް ވޯޓުދެއްވުމަށް ބާރުލާފަ އެންމެން އެކުގަ ނުކުމެވަޑައިގަތުމަށް. މި ޤައުމުގެ މިނިވަންކަމާޢި މި ޤައުމުގެ ސިއާދަތާ އަމަންއަމާންކަމުގެ ރައްކާތެރިކަމަށް ވޯޓުދެއްވުމަށް އެންމެން އެކުވެރިކަމާއެކީ  ޤައުމީ ރޫޙެއްގައި ނުކުމެވަޑައިގަތުމަށް. 
މި ކަންތައްތައް، މި ތިން ކަންތައް ޙާސިލްވާން އޮތީ ހަމަ ޔަޤީނުންވެސް ބުއްދީގެ ބޭނުންކޮށް، ވަކި އަތަކަށް ނުޖެހި، ތަޢާއްސަބުން އެއްކިބާވެހުރެ މިނިވަންކަމާއި އިންސާފުވެރިކަމާޢި އެކީގަ ވިސްނައިފި  ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތާޢީދު ކުރާ، އަޅުގަނޑުމެންގެ ފަރާތުން ނުކުމެތިބި ޤައުމުދެކެ ލޯބިވާ ކެނޑިޑޭޓުންނަށް ވޯޓުދީގެން އެކަނިކަން. މި ނޫން އެއްވެސް ގޮތެއް މީގަ ވިސްނައިފި ކޮންމެ މީހަކަށް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރުގަ، ވޭތުވެދިޔަ މި ސަރުކާރު އުފެދިގެން މިއަދާ ހަމައަށް އައި އިރުގަ، މިހާރު އޮތް ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަމުންދާ ޙަޤީގަތްތަކަށް ބަލާއިރުގަ މިނޫން އިތުރު އެއްވެސް ޖަވާބެއް ނާދެ. 
އަޅުގަނޑުމެންގެ ފިކުރަކީ ތަރައްޤީގެ ފިކުރު. އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ ޔަޤީންކޮށްދޭން. މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފަ ހުރި މުހިއްމު ބޮޑެތި ކަންތައްތައް، ގެދޮރުވެރިކަމުންގޮސް އެންމެ ކުދި ކަންކަމާ ހަމައަށް ތަރައްޤީ ޔަޤީންކޮށްދޭން. މި ތަރައްޤީ ޔަޤީން ކުރުމަށްޓަކާ ރައްޔިތުން ވޯޓު ދެއްވީ މިދިޔަ ރިޔާސީ އިންތިޚާބުގަ. އެމަސައްކަތް ކުރަން އަޅުގަނޑު ވަޢުދުވީ. މި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންކަމަކީ އެންމެ ފުރަތަމަވެސް ގެދޮރުވެރިކަން. މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އެންމެ މުހިއްމީ ގެދޮރުވެރިކަން. އެހެންވީމަ އެންމެ ފުރަތަމަ ވަޢުދަކަށްވެސް ޤައުމީ މުހިއްމު، ޤައުމީ މިނިވަންކަމާ ގުޅިފައިވާ ކަންކަމަށްފަހު އަޅުގަނޑު ވީ ވަޢުދަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވަޢުދު. 
މިވަޢުދު ނުފުއްދޭނެ މިކަމަށް ހުރަސްއަޅާނެ ބަޔަކު ރައްޔިތުންގެ މަޖްލީހުގެތެރޭގަ ރެއާއި ދުވާލު ސަރުކާރާ ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން މަސެއްކަތް ކުރާނެ ބަޔަކު އަޅުގަނޑުމެން ޚިޔާރު ކޮށްފިއްޔާ. އޭގެ ބަދަލުގަ މި މުހިއްމު ހައްސާސް މައްސަލަ ބާރު ސްޕީޑުގައި ގެންގޮސް ޔަޤީންކަމާއެކީގައި އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް މި 5 އަހަރު ނިމެންވާއިރުގަ ރާއްޖޭގަ ގެދޮރުވެރިކަމުގެ ފުރަތަމަ ގެދޮރު، ކޮންމެ މީހަކަށްވެސް މަދުވެގެން 1 ބޯހިޔާވަހިކަމުގެ ޔަޤީންކަން، އެއްތަން. އެއް ހައުސިން ޔުނިޓް. އެ ޔަޤީންކަން ޙާސިލް ނުކުރެވޭނެ މި ވިސްނުމާ އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ތިބޭފުޅުން ޚިޔާރު ނުކޮށެއް. ދެން ،މިކަމުގަ އަޅުގަނދުމެން ރިސްކެއް ނަގަންވީ އެއްވެސް ކަމެއް އެބައޮތްތޯ؟ މާލެސިޓީގެ ރައްޔިތުން، މާލޭގެ 17 ދާއިރާއަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައި ތިއްބެވި ކެނޑިޑޭޓުން ޚިޔާރު ކުރެއްވީމާ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު މިދިން ޔަޤީންކަން، ދެމުން މި އަންނަ ޔަޤީންކަން، ދީފައިވާ ޔަޤީންކަން، ޔަޤީން ކަމަކަށް ހަދައިދޭނަން އިރާދުކުރެއްވިއްޔާ. 
އަޅުގަނޑުމެން ވަޤުތު ބޭކާރު ކޯށްލާނެ ކަމެއްނެތް. މި މާލޭގެ ރައްޔިތުން އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް މުހިއްމު ވެފައިވާ މި ގެދޮރުވެރިކަމުގެ މައްސަލަ ބާރު ސްޕީޑުގަ ގެންގޮސް އެންމެ ފުރިހަމަޔަށް ހައްލު ކުރުން އަޅުގަނޑުމެންގެ  ވިސްނުމުގަ ބާއްވަންވީ. އޭގެ ބަދަލުގަ ރެއާ ދުވާލު ސަރުކާރުން ބިލެއް ހުށައަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަންވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަކަށް އަހާލާއިރުގަ، އެކަން އެޖެންޑާ ނުކޮށްދީ އެތައް ދުވަހެއް ބޭކާރު ކޮށްލާ މަޖިލީހުންއެކަން އެކި ގޮތްގޮތަށް އުނދަގޫ ކޮށް ރައްޔިތުން ބިކަ ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް އަޅުގަނޑުމެން މި މަޖްލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ. އަދި ޔަޤީން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން މިނިވަން ކަމާއެކީގަ ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ އަމިއްލަ ވިސްނުމުން ވިސްނައިފި ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ އެގޮތަށް އަޅުގަޑުމެން މަޖްލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނަތްކަން. 
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ