ސްޓެލްކޯގެ އެހީއާއެކު ކުޅުދުއްފުށީ ކަރަންޓު މައްސަލަ ހައްލުކޮށްފި

ސްޓެލްކޯގެ ޓީމެއް ހދ. ކުޅުދުއްފުއްޓަށް ގޮސް އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ.ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަދު ހެނދުނުން ފެށިގެން އެ ރަށުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަ އެވެ.މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސްޓެލްކޯގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި ވާކަމަށެވެ."މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން،" އޭނާ ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން އުޅޭ ކުޅުދުއްފުށި ސިޓީއަށް ކަރަންޓު ދިނުމުގައި މިދިޔަ މަހެއްހާ ދުވަހު ދިމާވި ކަންކަމުން އާންމުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައި އޮތުމުން ފެނަކަ ކުންފުނިން ވަނީ އެ ސިޓީގެ ގެތަކުގެ ކަރަންޓު ބިލުން މި އޭޕްރީލް މަހު 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ދޭން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ