އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަނީ

އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނަކީ ދައުލަތް ކަމަށް ރަސްމީކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.
މި ތިން ގައުމުގެ ލީޑަރުން ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށާއި، އެގައުމުތަކުގައި ތިބި އިސްރާއީލުގެ މަންދޫބުން އަނބުރާ އިސްރާއީލަށް ގެންދިޔުމަށް ބާރުއަޅާ ކަމަށެވެ.
މިގޮތުން ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރ ސްޓޯރ ވިދާޅުވީ، އެގައުމުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހު ކަމަށާއި، ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ނަމަ މެދުއިރުމަތީގައި ސުލްހަވެރިކަން ގާއިމެއް ނުކުރެވޭނެ ކަމަށެވެ.
Advertisement
"ހަނގުރާމައެއްގެ ތެރޭގައި އެތައް ހާސް މީހުން ޝަހީދުވެ، ޒަހަމްވަމުންދާއިރު، އިސްރާއީލާއި ފަލަސްތީނާއި ދެމެދު އޮތް މައްސަލަ ހުއްޓުވުމަށްޓަކައި ސިޔާސީ ގޮތުން އޮތް ހައްލަކީ ދެ ގައުމަކީ ވެސް ވަކި ދައުލަތެއްގެ ގޮތުގައި ބަލަގަނެ، ދެ ގައުމު ވެސް ކައިރި ކައިރީގައި ސަލާމަތާއި އަމާން ކަމާއި އެކު ދިރިއުޅުން."
ޖޯނަސް ގާރ ސްޓޯރ ވިދާޅުވިއެވެ.
ނޯވޭއިން މިފަދައިން އިއުލާނު ކުރިތާ މާ ގިނައިރެއް ނުވަނީސް އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވަނީ އޭނާގެ ގައުމުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހެރިސް ވިދާޅުވީ، އަޔަރލޭންޑާއި ނޯވޭއާއި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް އިއުލާނުކުރާ ކަމަށާއި، ނިންމުމަށް އަމަލުކުރުމަށްޓަކައި ގައުމީ ގޮތުން އަޅަން ޖެހުނު ކޮންމެ އަޅާނެ ކަމަށެވެ.
ހަމައެއާއިއެކު، އޭނާ ވަނީ އެހެނިހެން ގައުމުތަކުން ވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި މުހިންމު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.
ނޯވޭ ގެ އިތުރުން އަޔަރލޭންޑާއި ސްޕެއިން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަނެ، އެނިންމުމާއި އެއްގޮތަށް އަމަލުކުރަން ފަށާނީ މޭމަހުގެ 28 ވަނަ ދުވަހު އެވެ.
މި ތިން ގައުމުގެ ނިންމުމާއިއެކު، އިސްރާއީލުން ވަނީ އެގައުމުތަކުގައި ތިބި އިސްރާއީލުގެ މަންދޫބުން އެނބުރި ގައުމަށް އައުމަށް އަންގައި، އިސްރާއީލުން މިކަމާ މެދު ހިމޭނުން ނުހުންނާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ