ކުއްޔަށް ބަދަލުގެނެސް ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

ތިލަފުށީގެ ބިންތަކުގެ ކުލި ރީސްޓްރަކްޗާކޮށް ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، އަންނަ ހަފްތާއިން ފެށިގެން ތިލަފުށިން ބިން ވިއްކަން ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިހެން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތްކުރުމަށް ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދީ ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެގޮތުންކަމަށެވެ.
އެޗްޑީސީގެ އަމާޒަކީ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިކަތަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށާއި، އެގޮތުން އަންނަ ހަފްތާގައި ދިވެހި ވިޔަފާރިވެރިންނަށް އެފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިކަތަށް ދެމެހެއްޓެނިވެގޮތެއްގައި ތަރައްޤީކުރެވޭ ފެންވަރަށް އެތަންތަނުގެ ކުލީގެ އަގުތަކަށްވެސް ބަދަލު ގެންނަން ހަމަޖެހިފައިވާ ކަމަށާއި، މިހާރު ތިލަފުށީގެ ކުލި ހުރި ވަރު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަޒުލް ވިދާޅުވީއެވެ.
"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ތަންކޮޅެއް ބޮޑެތި ސްކޭލްގައި މިކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދާއިމީ ގޮތެއްގައި ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތަކަށް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގެނެވޭ ފެންވަރަށް އެތަންތަނުގެ ކުލީގެ އަގުތަކަށްވެސް ބަދަލު ގެނެވިގެން އަޅުގަނޑުމެން އެކަންކަން ކުރާނީ، މިހާރު އެކްޒިސްޓިން ތިލަފުށީގެ ރެންޓް ހުރިވަރު ރިސްޓްރަކްޗާރ ކުރުމުގެ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން އެބަ ހިންގަން. އެހެންވީމަ އަޅުގަނޑުމެން އެޗްޑީސީގެ ބޭނުމަކަށްވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަސްޓެއިންކޮސްގެން ވިޔަފާރި ހިނގޭނެ ނިޒާމަކަށް މިތަން ބައްޓަން ކުރަން ." ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންންކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތަ ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ގިނަ ވަސީލަތްތައް ގާއިމްކޮށް ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމަށްކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށްވެސް އެޗްޑީސީން މަޢޫލޫމާތުދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ