ސިޔާސީ 7 ޕާޓީއަކަށް ފައިސާ ދޫކޮށްފި

2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓިތަކަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ އިޖުރާއުތައް ފުރިހަމަކޮށްފައިވާ 7 ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ، ޑީއާރުޕީ، އަދާލަތު ޕާޓީ، އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އަދި އެމްޑީއޭއަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް އިއްޔެ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
މިއަހަރު އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 44608 މެންބަރުން ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީއަށެވެ. އެ ޕާޓީއަށް ހަތް މިލިއަން ރުފިޔާ ދިނުމަށް ކަނޑައެޅިއިރު، ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ  36،236 މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕީޕީއެމްއަށެވެ. އެޕާޓީ އަށް 5.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
2.2 މިލިއަން ރުފިޔާ ލިބިގެން ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 14،750 މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޑީއާރުޕީ އަށެވެ. ޖޭޕީގައި 13،990 މެންބަރުން ތިބިއިރު، އެޕާޓީއަށް ލިބެނީ 2.1 މިލިއަން ރުފިޔާއެވެ.
9000 މެންބަރުނ ރަޖިސްޓްރީކޮށްފައިވާ އަދާލަތު ޕާޓީއަށް ލިބެނީ  1.3 މިލިއަން ރުފިޔާއެވެ.  އެމްޑީއޭގައި 7،666 މެމްބަރުން ތިބި އިރު އެޕާޓީއަށް އެއް މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. އަދި އައިޑީޕީގައި 2148 މެންބަރުން ތިބިއިރު، އެޕާޓީއަށް ވެސް ތިން ލައްކަ ރުފިޔާ ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ