ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލުކުރަން ނިންމި ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑު ކުރުމަކީ ޖޭއެސްސީން އަދުލު އިންސާފަށް ހުރަސް އެޅުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ޖޭއެސްސީއަށް ހުށަހެޅީ އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާއެއް ބާތިލުކުރަން ކްރިމިން ކޯޓުން ހުކުމްކުރާއިއެކުއެވެ. އެމައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދެވެ.
ޖޭއެސްސީން ގާޒީ އިސްމާއިލް ސަސްޕެންޑުކުރަން ނިންމީ އޭނާ ނިންމި އަދީބުގެ މައްސަލައިގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ހުކުމަކަށް ވާސިލުވުމުގައި ފަނޑިޔާރުގެ ރައުޔު ބިނާކުރި ސަބަބުތައް ގާނޫނީ އުސޫލުތަކާއި ހިލާފުކަމަށް ދެކޭނަމަ ކުރަންވާނީ އިސްތިއުނާފުކަމަށެވެ. އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ އާއި ހިލާފު ކަމެއްކަމަށާއި އެއީ އަދުލު އިންސާފަށް ހުރަސްއެޅުމުގެ އަމަލެއްކަމަށްވެސް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ގާޒީ އިސްމާއިލްގެ މައްސަލަ ޕީޖީން ޖޭއެސްސީއަށް ހުށަޅުއްވުމާއެކު ގާނޫނީ ގިނަ ބޭފުޅުންގެ ފާޑުކިޔުން ޕީޖީއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ގާޒީއަކު ނިންމެވި ނިންމެވުމަކާ ގުޅިގެން ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަންވެއްޖެނަމަ ފަނޑިޔާރުންނަށް އެދެއްކެނީ ނުސީދާ ގޮތެއްގައި ބިރުކަމަށް ގިނަ ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
"ގާޒީ އިސްމާއިލް ސަސްޕެންޑު ކުރުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ