ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު ހައްސާން މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ހައްސާން މަގާމުން ވަކިކޮށްފިއެވެ.
ހައްސާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަގާމަށް އައްޔަން ކޮށްފައިވާ މީހެކެވެ. އެއިރުންސުރެ އޭނާ ހުންނަނީ އެ މަގާމުގައެވެ. އޭނާ އަކީ މަގާމުން ވަކިކުރި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ވަރަށް ގާތް ބޭފުޅެއް ކަމަށްވެއެވެ. ނަމަވެސް ހައްސާން މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް ނޭނގެއެވެ.
ހައްސާން މަގާމުން ވަކި ކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ. ޓްއަރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެންގެވުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާތީ އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރު ކަމުން މިއަދު ވަނީ ވަކިކޮށްފައެވެ.
އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.
މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ. މިނިސްޓަރު ނަހުލާއަށް އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައަށް ދެތިން ހަތަރު މަސް ވެގެން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ރައީސް ޞާލިހް އަޅުއްވާފައެއް ނުވެއެވެ.
އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިހް އެންގެވުމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ރޭ ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހުގެ ވިސަލް ބްލޯވާ ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށެވެ. އޭގެ ފަހުން ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ވަނީ ރައީސް އޮފީހަށް ގޮސް ރައީސް ޞާލިހާއި ބައްދަލު ކުރައްވާ މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ