މިއީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީއެއް ނޫން

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އަކީ ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށް ގެންދާ ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ މި ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އިންތިހާ އަށް އެބައޮތް ކަމަށާއި އެގޮތުން މި ގާނޫނު އަސާސީ ބިނާވެގެން އައިސްފައިވަނީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށެވެ. ނަމަވެސް ފަހު ވަގުތު ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނު ކަމަށާއި އެ ވޯޓުގެ ނަތީޖާ އެމްޑީޕީން ބަލައިގެންފައި ނުވާކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
އަދި މި ގާނޫނު އަސާސީގެ ދަށުން ރިޔާސީ ނިޒާމެއް ތަންފީޒުކުރަން ފުރުސަތު ލިބުމުން ދިމާވާނެ ހުރިހާ ދައްޗެއް ދިމާވި ކަމަށާއި މި ގާނޫނު އަސާސީ އަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނު އަސާސީ އެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިހާރުން މިހާރަށް ގާނޫނު އަސާސީ އަށް ގެންނަންޖެހޭ އިސްލާހެއް އޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ނަމަވެސް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އަދި މި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނޫސްތަކުގެ ހެޑްލައިންގައި އެވާހަކަ ލިޔުއްވާތީ އެކަމާ ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
"ބައެއް ފަހަރަށް ނޫސްވެރިންނަށް މި ހީވަނީ އެއީ ޕޮލިޓިކަލް ކޮންފްލިކްޓެއްގެ ޕިޗެކޭ. ނޫން، އެއީ ވަރަށް އާދައިގެ ފޫހި ވާހަކައެއް، އެއީ އަބަދު ވެސް އަޅުގަނޑު ދައްކާ" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ