ރައީސް ޔާމީނަށް ހުކުމްކުރެއްވި އަލީ ރަޝީދު ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ.
ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ. އެ މައްސަލަ ބެލުމަށް ގާޒީ އަލީ ރަޝީދު ހަމަޖެއްސުމުން ގިނަބަޔަކު ތުހުމަތުތައް ކުރިއެވެ. އަދި ވަކި ގޮތަކަށް ހުކުމް ނެރުއްވާނެ ކަމަށާއި އެ މަގާމަށް އަލީ ރަޝީދު ހަމަޖައްސަވާ ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަށް ޑީލްތަކެއް ހެދިފައިވާ ކަމަށްވެސް ތުހުމަތައް ކުރެވިގެން ދިޔައެވެ.
ސުޕްރީމް ކޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހަތް ފަނޑިޔާރުންނަށް ބެންޗު ވަނީ ބަދަލުކޮށްފައެވެ. މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް މީގެކުރިން ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ