ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އުތެމައިން ނެރުނު ރިޕޯޓްގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއިން އެކަށީގެންވާ މިންވަރުގެ މަސައްކަތެއްކޮށްފައި ނުވާކަމަށް ގިނަ ޖަމްއިއްޔާތަކުން ގުޅިގެން ހަދާފައިވާ ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.
ރައްޔިތުންގެ އިއްތިހާދުން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމް.ޑީ.އެން އަށް ތާޢީދުކޮށް އުތެމަ ޖަމާޢަތުން ނެރުނު ރިޕޯޓުތަކުގައި ހުރި މައްސަލަތައް ބަޔާންކޮށް ރައްޔިތުންގެ އިއްތިޙާދުން ޕޮލިސް ސާރވިސްއަށާއި ޔޫތު މިނިސްޓްރީއަށް މަޢުލޫމާތު ފޯރުކޮށްދެވިފައި ވާނެކަމަށެވެ.
މި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އެކިއެކި ޢިލްމުވެރިންގެ އެހީގައި އެ އިއްތިޙާދުން އެކުލަވާލާފައިވާ ލިޔެކިޔުމެއްގައިކަމަށް ވަނީ ބުނެފައެވެ. އެލިޔެކިއުމުގައި، އުތެމަ ޖަމާޢަތުން އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ލިޔެފައިވާ ވާހަކަތައް ފާހަގަކޮށްފައިވެއެވެ.
އަދި ލިޔުމުގައި، އުތެމަގެ ރިޕޯޓަށް ފަންޑުކޮށްފައިވަނީ އެމް.ޑީ.އެން އަށް ވެސް ފަންޑުކުރި ޖަމާޢަތް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ޒިނޭ ކުރުން ހުއްދަ ކުރަން ގޮވާލާފައިވުމާއި، ދިވެހިރާއްޖޭގައި އިސްލާމީ ފަސްގަނޑުގައި އެއްވެސް ހުރަހެއް ނެތި ޢާންމު ތަންތާނގައި މާތް ﷲ އަށް ޝިރުކު ކުރުމުގެ ހުއްދަ އެހެން ދީންތަކުގެ މީހުންނަށް ހޯދައިދިނުމަށްވެސް އުތެމައިން ގޮވާލާފައިވާކަން ފާހަގަކޮށްފައިވާނެކަމަށްވެސް ރައްޔިތުންގެ އިއްތިހާދުން ވަނީ ބުނެފައެވެ.
އެ އިއްތިހާދުން ފާހަގަކުރިގޮތުގައި ކުރީ ފަހަރުގެ އެމް.ޑީ.އެން ރިޕޯޓުގެ މައްސަލައާ ޚިލާފަށް، މިފަހަރު އުތެމައިގެ ރިޕޯޓުތަކުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއިން މާބޮޑަށް ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. އަދި އުތެމައިގެ ރިޕޯޓުތަކުގެ ތަޙްޤީޤު ހިންގައި ކަމާބެހޭ ފަރާތްތަކަށާއި ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ހިއްސާ ކުރުމުގައި ވެސް މާބޮޑު އަހައްމިއްޔަތު ކަމެއް އިސްލާމިކް މިނިސްޓްރީއިން ދޭތަނެއް ނުފެންނަކަމަށްވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެ އިއްތިހާދުން ބުނީ އުތެމައިގެ މީހުންނަށް ނަޞޭޙަތް ދިނުމުގެ ނަމުގައި މަޢުލޫމާތު ބަދަލު ކުރުމުގެ ބައްދަލުވުމެއް އެޖަމާޢަތުގެ ބައެއް މީހުންނާ އެކު އިސްލާމިކް މިނިސްޓަރ ބޭއްވިކަމަށެވެ.
ހަމައެފަދައިން، އުތެމައާ މެދު މިނިސްޓްރީއަށް ފާހަގަކުރެވުނު އެއްވެސް ކަމެއް ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކަށް އަދިވެސް މައްސަލަ ހުށައަޅާފައި ނުވާކަމަށްވަނީ ބުނެފައެވެ.
އުތެމަ އަދި އެމް.ޑީ.އެންގެ މައްސަލައިގައި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުން ދަނީ އިއްތިޙާދެއް ހަދައިގެން އެފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިއްތިޙާދު އެމަސައްކަތަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ތައްޔާރަށް ތިއްބެވި ކަމުގައިވެސް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހާމަކޮށްފައިވެއެވެ.
އުތެމަ ރިޕޯޓްގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއިން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ރައްޔިތުންގެ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ