ސަފާގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ އިތުރު މީހަކު ހައި ކޯޓުން ދޫކޮށްލައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މ.ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުލްރައްޒާޤްގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ އޭނާގެ ބައިވެރިއެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން ބާޠިލުކޮށްފިއެވެ
ކްރިމިނަލް ކޯޓުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރުމަށްފަހު ހދ.ކުޅުދުއްފުށީ، ދޮންފަތްބަގީޗާގޭ އަބުދުއްްސައްތާރު އަލީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނީ އިއްޔެއެވެ.
ކްރިމިނަލް ކޯޓުން އަބްދުއްސައްތާރުގެ މައްޗަށް ހުކުމް ކުރީ، 18 އަހަރަށް ޖަލަށް ލުމަށާއި 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މި ހުކުމް ކޮށްފައި ވަނީ 2013 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އަބްދުއްސައްތާރުގެ މައްޗަށް ހުކުމް ިއއްވާފައި ވަނީ، ފޯން ކޯލް ރިކޯޑިންގއެއްގެ މައްޗަށް ރިޢާޔަތްކޮށް އެކަންޏެވެ
އިއްޔެ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރަމުން ހައި ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އަބުދުއްްސައްތާރު އަލީ ފޯން ކޯލް ރެކޯޑިންތައް ހޯދާފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކޯޓުގެ އަމުރެއް ނެތި ކަމަށެވެ. އެހެންކަމުން އަބުދުއްްސައްތާރު އަލީއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ގާނޫނީ ހެކިތަކެއް ނޫން ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
އަބުދުއްސައްތާރު އަލީގެ ފޯން ކޯލުތަކެއް ދައުލަތުން ހޯދާފައިވަނީ އިސްމާއީލު އަތީފުއާއި، އިސްމާއީލު ޝަހީމް އާދަމްގެ ފޯން ކޯލްތައް އަޑުއަހާ ރެކޯޑު ކުރުމަށް ކޯޓުން ދިން އަމުރެއްގެ ދަށުންނެވެ.
މިހެން ކަމުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާޠިލުކޮށްފައެވެ.
މީގެ ކުރިންވެސް ސަފާގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ އިތުރު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުން ވަނީ އެމީހާ ދޫކޮށްލާފައެވެ. މީގެ އެއްމަސް ކުރިން ހައިކޯޓުން ދޫކޮށްލާފައި ވަނީ މ. ކުދެހިގޭ ހުސައިން އާތިފް އެވެ. އޭނާގެ މައްޗަށްވެސް ހުކުމް ކޮށްފައިވަނީ 18 އަހަރަށް ޖަލަށް ލުމަށާއި 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ
އިބްރާހިމް ޝަފާޒް އަބްދުލްރައްޒާޤް (ސަފާ)ގެ މައްޗަށް ވެސް ޖަލު ހުކުމް އިއްވާފައި ވަނީ ފޯނުކޯލް ރިކޯޑިންގއެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަ ކޮށްލަމެވެ. އަދި އޭނާގެ އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލެއްވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެކަން އިއުލާން ކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ