މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް 10.6 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން 10.6 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ސަރުކާރުން ހުޅުވައިލައިފި އެވެ.
އަލަށް ހުޅުވައިލި ލޯން ސްކީމަކީ ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހޯދަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން ހުޅުވައިލި 10،650،000 ރުފިޔާ (ދިހަ މިލިޔަން ހަސަތޭކަ ފަންސާސް ހާސް ރުފިޔާ) ގެ ސްކީމެއް ކަމަށް ހިއުމަން ރިސޯސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރުގެ ނައިބު އައިމިނަތު އަލީ މިއަދު ވިދާޅުވީ ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށާއި ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް ދޫކުރާ މި ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ ކަމަށެވެ. ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.
މި ސްކީމްގައި ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އަދި ލޯނުގެ ގޮތުގައި އެއް ލައްކައާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދޫކުރާނެ އެވެ.
" ލޯން ދޫކުރަނީ ވަކި ކްރައިޓީރިއާތަކަކަށް ބަލައިގެން، ކްރައިޓީރިއާއަށް ޝަރުތު ހަމަވާ ހަމަ ކޮންމެ ދަރިވަރަކަށް ވެސް ލޯންނަށް އެދި ހުށަހެމުގެ ފުރުސަތު ވަނީ ހުޅުވާލާފައި،" އަމިނަތު އަލީ ވިދާޅުވި އެވެ.
ކިޔެވުމަށް ސަރުކާރުން ދޫކުރާ މި ލޯންތަކުގެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ކިޔަވައި ނިމޭތާ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު އެވެ. އަދި ލޯންތައް ދައްކަންޖެހެނީ އެ ދަރިވަރަކު ލޯން ނެގި މިންވަރެއްގެ ނިސްބަތުންނެވެ. ގިނަ ވެގެން ދިހަ އަހަރު ތެރޭގައި ލޯން ދައްކާ ނިންމަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ