ރައީސް މައުމޫން ފެކްޝަންގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ލިޔުމުން ހުށަހަޅައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ ބޭފުޅުންނާއެކު އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނާ ރަސްމީކޮށް ހިއްސާކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ފޮނުވި ހަތަރު ސިޓީގެ ތެރެއިން އެއް ސިޓީ ފޮނުއްވާފައިވަނީ ރައީސް މައުމޫން ސޮއިކުރައްވާފަ އެވެ. އަނެއް ތިން ސިޓީ ފޮނުއްވާފައިވަނީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ އައްޔަންކުރައްވާފައިވާ އަބްދުﷲ އަލީމް ސޮއިކުރައްވަ އެވެ.
ރައީސް މައުމޫންގެ ނަންފުޅުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަަރަލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ތޮލާލް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އަބްދުﷲ އަލީމް އައްޔަންކުރެވިފައިވާ ކަމަށެވެ. އަލީމް މި މަގާމަށް އައްޔަންކުރެވުނީ އިއްޔެ ބޭއްވުނު ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ބައިވެެރިވި ބޭފުޅުންގެ އަގުލަބިއްޔަތުން ކަމަށްވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އަލީމް ފޮނުއްވި ތިން ސިޓީގެ ތެރެއިން ދެ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ކައުންސިލަށް އިއްޔެ ގެނައި ބަދަލުތަކާއި ގުޅޭ މައުލޫމާތުތަކުގެ ތަފްސީލް އެވެ. އެގޮތުން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ޕާޓީގެ ކައުންސިލަށް އައްޔަންކުރައްވާފައި ތިއްބެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި، ޒާހިދު ރަމީޒު ކައުންސިލުން ވަކިކުރުމަށް އިއްޔެ ބޭއްވުނު ކައުންސިލުން ނިންމާފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ. ޕާޓީގެ ކައުންސިލުން އަބްދުއްރަހީމް ވަކިކުރެވިފައިވާތީ ޕީޕީއެމްގެ ނައިބް ރައީސް ކަމުން އޭނާ ވަކިކުރެވިފައިވާ ކަމަށްވެސް މިސިޓީގައިވެ އެވެ.
މީގެ އިތުރުން މި ދެ ބޭފުޅުންގެ ބަދަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި، މ. ހިންމިޔަ އަހްމަދު ސޮފްވާން ޕާޓީގެ ކައުންސިލަށް އަލަށް އައްޔަންކުރައްވާ އަދި ކައުންސިލުން މި ދެ ބޭފުޅުންގެ ނަން ބަލައިގެންފައިވާ ކަމަށްވެސް ސިޓީގައިވެ އެވެ.
އަލީމް ސޮއިކުރައްވާ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފައިވާ ތިންވަަނަ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމާއި ރައީސް މައުމޫންގެ ފެކްޝަނުން ދެކޭ ގޮތެވެ. އެގޮތުން ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި މިބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
"މިހެން މިދެންނެވީ ޕީޕީއެމްގެ ކައުންސިލް ހިންގާ ގަވައިދުގެ 8 ވަނަ މާއްދާ ބުނާ ގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދެއްވުމުގެ އިހްތިޔާރު އޮންނަނީ ހަމައެކަނި ޕާޓީގެ ރައީސަށް ކަމަށްވެފައި، ރޭ ދަރުބާރުގޭގައި އޮތް ބައްދަލުވުމަށް ދައުވަތު ދެއްވާފައިވަނީ އެހެން ފަރާތަކުން ކަމުގައިވާތީ އެވެ. ވީމާ ރޭގެ އެ ބައްދަލުވުމުގައި ނިންމި ހުރިހާ ކަންތައްތަކެއް ވާނީ ބާތިލް ކަންތައްތަކަކަށެވެ،" ސިޓީގައިވެ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ މުސްްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމީން ކަމަށްވާތީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ޕީޕިއެމްގެ އަސާސީ ގަވައިދާ ހަވާލާދީ މިސޓީގައި ވިދާޅުވެފައިވެ އެެވެ. އެގޮތުން ޕާޓީގެ މުސްތަޝާރާ ގުޅޭގޮތުން އަސާސީ ގަވައިދުގައި ބުނެފައިވާ އެއްޗެއް ކޮމިޝަންގެ މައުލޫމާތަށްޓަކައި މިސިޓީގައި ހިމަނާފައިވެެސްވެ އެވެ.
"އަދި ދަންނަވަމެވެ. ޕާޓީގެ އަސާސީ ގަވައިދުގެ 57 ވަަނަ މާއްދާގެ (ނ) ބުނާ ގޮތުން 'ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނެވެ' " ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެޕާޓީގެ މުސްތަޝާރާ ގުޅޭގޮތުން ބުނެފައިވާ އިބާރާތާއެކު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ ޕީޕީއެމްގެ ދެ ފެކްޝަނުން ޕާޓީގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރި ނަމަވެސް ކޮމިޝަނަށް އެއްވެސް ނިންމުމެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަަމަށެވެ. އަދި ކޮމިޝަނަށް ދެ ފެކްޝަންގެ ލިޔުންތައް ލިބުން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އެކަމުގައި ގޮތްތަކެއް ނިންމާނެ ކަަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ