މަޖިލީހުގެ އަގުލަބިއްޔަތު ނެތް މީހަކަށް ރައީސަކަށް ނުހުންނެވޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތް މީހަކަށް އެމަޖިލީހުގެ ރައީސަކަށް ނުހުންނެވޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިން އޮންނަގޮތަށް މަޖިލީހުގެ ރައީސާއި ނާއިބް ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ބައެއް ނޫންކަމަށާ އެއީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ނެގޭ ވޯޓަކުން ހޮވާ މަގާމުތަކެއްކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ރައީސާއި ނާއިބް ރައީސް ވާންވާނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ތާއީދު އޮތް ބޭފުޅަކަށްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ މިހާރުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދަށް މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ތާއީދު މިއަދު ނެތްކަމަށާއި އެހެންކަމުން މަސީހަށް އެމަގާމުގައި ހުންނެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
މެންބަރުންގެ ތާއީދު ނެތްކަން މަސީހުގެ މައްޗަށް ހުށައެޅުނު އިތުބާރު ނެތްކަމުގެ މައްސަލައިން ސާފުވެފައިވާއިރު އެންމެ ހިނދުކޮޅަކުވެސް އެމަގާމުގައި ނުހުންނެވޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު ނެތި އެމަގާމުގައި ހުންނެވުމަކީ ގާނޫން އަސާސީއާއި ޚިލާފު އަމަލެއްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތް މީހަކަށް އެމަޖިލީހުގެ ރައީސަކަށް ނުހުންނެވޭނެކަމަށް މައުމޫން ވިދާޅުވެފައިވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތާއިއެކު ވަނީ ހުށައަޅާފައެވެ. ނަަމަވެސް މަސީހު ގެންދަވަނީ ގަދަބާރުން އެ މަގާމުގައި ހުންނެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ