ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވާ ހިސާބުތަކަށް ކަރަންޓު ލިބޭނީ ހަ ގަނޑިއިރު ފަހުން ކަމަށް ސްޓެލްކޯއިން ބުނެފި

އާދިއްތަ ދުވަހުގެ މެންދުރު 13:30 ގައި ކޯރުކެނޑި ހިނގުމާއި، އެމަގާއި ގުޅިފައިވާ ސަރަހައްދުތަކުން ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވީ ނަމަވެސް އެ ހިސާބުތަކަށް ކަރަންޓުގެ ޙިދުމަތް ލިބޭނީ ހަ ގަނޑިއިރު ފަހުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
 
އާދިއްތަ ދުވަހު އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ 2001 ވަނަ އަހަރު ބެހެއްޓުނު 66 ނަންބަރުގެ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި ޓްރާންސްފޯމަރަށް އެ މައްސަލަ ދިމާވެފައިވަނީ ކަރަންޓުގެ ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ފޯމަރަށް ގެއްލުން ލިބުމާއި ގުޅިގެން ކަމަށެވެ.
 
ސްޓެލްކޯއިން މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އާ ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާކަމަށާއި ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް އަނބުރާ ކަރަންޓުގެ ޙިދުމަތް ލިބެން 6 ގަނޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
 
ކަރަންޓުގެ ޙިދުމަތް މެދުކެނޑުމުގެ ސަބަބުން އެ ހިސާބުގެ ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.
 
ޖުލައި މަހުގެ 20 ވަނަ ދުވަހުވެސް މާލޭގެ ބޮޑު ހިސާބަކުން ވަނީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައެވެ. ނަމަވެސް ދޮޅު ގަނޑިއެއްހާއިރު ތެރޭގައި އެ މައްސަލަ ސްޓެލްކޯއިން ވަނީ ޙައްލުކޮށްފައެވެ.
   
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ