183 ނޫސްވެރިން ސޮއިކޮށް ރައީސް އޮފީހަށާއި ސުޕްރީމް ކޯޓަށް އަދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

ރާއްޖޭގެ 11 މީޑިއާ އެއްގައި މަސައްކަތް ކުރާ 183 ނޫސްވެރިން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ސުޕްރީމް ކޯޓަށް އަދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މިޕެޓިޝަންގައި ޗެނަލް 13 އާއި ޕީއެސްއެމްގެ ނޫސްވެރިން ފިޔަވައި މާލޭގައި ހަރަކާތްތެރިވާ ހުރިހައި މީޑިއާއެއްގެ ނޫސްވެރިން ވަނީ ސޮއި ކޮށްފައެވެ.
މިޕެޓިޝަނަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ނޫސްވެރިން ސޮއި ކޮށްފައިވާ ޕެޓިޝަނެކެވެ.
ނޫސްވެރިންނަށް ނުރައްކާތެރި މާހައުލަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް، އެކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މިއަދު ފެނިގެން މިދަނީ ކޯޓުތަކާއި ގާނޫނު ހަދާ މަޖިލީސް ފަދަ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތްކުރަމުންދާ މަންޒު ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.
ޕެޓިޝަންގައި ނޫސްވެރިން ކަންބޮޑުވާ މައިގަނޑު ނުވަކަމެއް ފާހަގަކޮށްފައި ވެއެވެ.\
އޭގެތެރޭގައި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ފުރިހަމަ އަދި މިނިވަން ތަޙްގީގެއްކޮށް، މިމައްސަލާގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޕެޓިޝަންގައި ދިވެހި ނޫސްވެރިން ގޮވާލާފައިވެއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް" އަކީ އޭގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވިގެންދާ ބިލެއް ކަމުން، އެބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ނޫސްވެރިން ވަނީ ޕެޓިޝަންގައި ގޮވާލާފައެވެ.
ކޯޓުތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހެދުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިވެންޓްތަކަށް ނޫސްވެރިންނަށް ފުރުސަތު ނުދިނުމާއި، ވަކިވަކި މީޑިއާތައް އެކަހެރިކުރުމަށް ކުރެވޭ ކަންކަން އަދި ޖުމްލަކޮށް މިނިވަން ނޫސްވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ހުރިހާ ހުރަހެއް ނައްތާލުމަށް ވެސް މިޕެޓިޝަންގައި ނޫސްވެރިން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ