ޕްރައިމަރީ ބާއްވައިގެން ޓިކެޓް ދިނުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައަޅަންވާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަށް ޕްރައިމަރީ ބޭއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ގޮވާލައިިފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވަނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ގޮތަށް ކުރިން ނިންމާފައިވާ ޕީޕީއެމްގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން ބުނުމާއި ގުޅިގެންނެވެ. ނަމަވެސް ރައީސް ޔާމީންގެ ފެކްޝަނުން އިއްޔެ ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް އަކީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެއްގޮތަށް މިހާތަނަށް ހިންގަމުން އައި ޕާޓީއެއް ކަަމަށެވެ.
ޕީޕީއެމްގެ ކަންކަމުގައި އަބަދުވެސް ބަސް ބުނަމުން ގެންގޮސްފައިވަނީ ޕާޓީގެ އާންމު މެންބަރުން ކަން ފާހަގަކުރައްވާ ރައީސް މައުމޫންގެ ފެކްޝަންގެ ބަޔާނުގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ގިނަ ކަންތައް ތަކެއް ކުރަމުން ދިއުމަކީ ޕީޕީއެމްގެ އާންމު މެންބަރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގައި ޕާޓީގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން މި ޕާޓީގެ އާންމު މެންބަރުންގެ ވޯޓުންނެވެ. ކަން މިހެން އޮއްވާ ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފާސްކޮށްފައިވާ ކަމަށް ބުނާއިރު، ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުން ނާއި އާންމު މެންބަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމެކެވެ.،" ރައީސް މައުމޫންގެ ފެކްޝަންގެ ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީ އަށް ތައްޔާރުވެފައިވާތީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕީޕީއެމްގެ ޕްރައިމަރީ ވީހާވެސް އަވަސް ތާރީހެއްގައި ބޭއްވުމަށް ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ