ފައިސާއަށްޓަކައި ޕީޕީއެމް އާއި ކޯލިޝަނެއް ނުހެދޭނެ - ޔާމީން

އެއްވެސް ޕާޓީއަކުން ޕީޕީއެމް އާއި ކޯލިޝަން ހަދަންޖެހޭނީ ގައުމާއި ދިނާއި، ރައްޔިތުންގެ ހައްގުގައި ކަމަށާއި ފައިސާއަށްޓަކައި އެއްވެސް ބަޔަކަށް ޕީޕީއެމްއާއި ކޯލިޝަން ހެދުމުގެ ފުރުސަތު ނޯންނާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން އަދާލަތު ޕާޓީއަށް ފައިސާ ހުށަހެޅިކަމަށް އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ ޔާމީން ވިދާޅުވީ ޕީޕީއެމް އިން ޕާޓީތަކަށް ފައިސާ ހުށަހަޅަން ބޭނުންނަމަ ފައިސާ ހުށަހަޅާނީ މީގެ ކުރިން ކަމަށެވެ.
ޔަމީން ވިދާޅުވީ ޕީޕީއެމްއާއި ކޯލިޝަން ހެދުމަށްޓަކއި ޕާޓީތަކަށް ގޮވާލައްވާކަމަށާއި ނަމަވެސް އެކަމުގެ ތެރޭގައި އެއްވެސް ވަރަކަށް ފައިސާ ހިމެނިގެންނުވާނެ ކަމަށެވެ.
'އަޅުގަނޑު ގޮވާލަން ޕީޕީއެމް އާއިއެކު ޕާޓީތަކުން ކޯލިޝަން ހަދަން، އެއީ އެކަމަކު ގައުމަށްޓަކައި، ދީނަށްޓަކައި، ރައްޔިތުންގެ ހައްޤަށްޓަކައި ކުރާކަމެއްގެ ގޮތުގައި، ފައިސާ ވެސް އަދި އެހެންކަމެއް ވެސް އޭގައި ހިމެނިގެންނުވާނެ. އަމުދުން ފައިސާ ހިމެނިގެންނުވާނެ،'' އަދާލަތަށް ފައިސާ ހުށަހެޅިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޔާމީން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ ޕީޕީއެމް އިން އަދާލަތަށް ފައިސާ ހުށަހަޅަން ފާސްކޮށްފައިނުވާނެ ކަމަށާއި ނަމަވެސް ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފައިސާ ހިމެނިފައިވާނަމަ އެވާހަކަދެކެވިފައިވެދާނެ ކަމަށެވެ. ނަމަވެސް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަދާލަތު ޕާޓީއާއި ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާވެސް ނުކުރައްވާ ކަމަށާއި ނަމަވެސް އަދާލަތު ޕާޓީގެ ފަރާތުން ޕީޕީއެމްގެ އެކި ފަންތީގެ މީހުންނާއި މަޝްވަރާކުރެއްވި ކަމަށެވެ.
އިއްޔެ ޖުމްހޫރީ ގުޅުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވީ ޕީޕީއެމްއިން އެ ޕާޓީ އާއި ކޯލިޝަން ހަދާނަމަ ފައިސާ ދިނުމަށް ބުނެ ހުށަހެޅުންތަކެއް ހުށަހެޅި ކަމަށެވެ.
ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ