ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މިގޮތަށް ހުކުމް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހަތަރު ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
އާޒިމާއި ނާޝިޒްގެ ގޮނޑި ނުގެއްލޭނެ ކަމަށް ރައުޔު ނެރުއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އާއި ފަނޑިޔާރު އަބުދުﷲ އަރީފެވެ. އަދި ފަނޑިޔާރު މުއްތަސިމް އަދުނާން މިމައްސަލައިގައި ވަކިގޮތަކަށް ރައުޔެއް ނުނެރުއްވައެވެ.
ދެމެންބަރުންގެ ގޮނޑިގެއްލުނު ކަމަށް ހަތަރު ފަނޑިޔާރުން އިއްތިފާގުވި ޙުކުމުގައި ބުނެފައި ވަނީ ފައިސާ ދައްކަން މަދަނީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ ހައިކޯޓުގެ ހުކުމަށް ބަދަލު އައުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ.
އަދި ލޯނަކަށް ފައިސާ ދެއްކުމަށް ގެރެންޓީ ދޭ ފަރާތްތަކަކީ ލޯނު ނަގާ ފަރާތާ އެއް ހާލަތެއްގައި ތިބި ފަރާތްތަކެއް ކަމަށާއި ހަމައެހެންމެ ލޯނެއް ނެގުމަށް ބޭނުންކުރާ ރަހުނުތައް އޮތުމަކީ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމަށް އަމަލުކުރަން ނުޖެހޭނެ ސަބަބެއް ކަމަށް ނުވާނެ ކަމަށެވެ.
އެހެންކަމުން އާޒިމާއި ނާޝިޒަކީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ދެ މެމްބަރުކަން ސާބިތުވާތީ ހުކުމްކުރާ ވަގުތުން ފެށިގެން އެ ދެ މީހުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ދެމެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ރައުޔު ނެރުއްވި ދެފަނޑިޔާރުންގެ ރައުޔަކީ ލޯނަކަށް ގެރެންޓީ ދޭ ފަރާތްތަކުން އެ ލޯނަކަށް ފައިސާ ދެއްކުމުގައި ޒިންމާވާންޖެހޭނީ ލޯނު ނެގި ފަރާތުން ލޯނު ނުދެއްކުމުގެ ސަބަބުން ރަހުނުތައް ވިއްކާލުމުގެ ހުއްދަ ކޯޓުން ދިނުމުން އެ ރަހުނުތައް ވިއްކާލައިގެން ވެސް އެ ދަރަނި އަދާނުކުރެވޭ ނަމަ ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ދެކެވަޑައިނުގަންވާ ކަމަށެވެ.
އެވެސް ފަރާތަކަށް ރައުޔެއް ނުނެރުއްވި ނަމަވެސް ފަނޑިޔާރު މުއްތަސިމް އަދުނާން ވަނީ އޭނާއަށް ކޯޓްތެރޭގައި ދިމާވާ ދަތިތައް ފާހަގަކޮށް ޝަރީއަތުގެ މަޖިލީހުގައި ބަޔާނެއް އިއްވާފައެވެ. މުއްތަސިމް އިއްވެވި ބަޔާނުގައި ވިދާޅުވެފައި ވަނީ ދެމެންބަރުންގެ މައްސަލައިގެ ބަޔާންތައް އޭނާ އަށް ލިބިވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ކުރިއަށް އޮތް ހަފްތާ ބަންދު ތެރޭގައި މައްސަލަ ދިރާސާކޮށް، އަންނަ ހަފުތާގެ ތެރޭގައި ރައުޔު ތައްޔާރުކުރާނެ ކަމަށް ދެންނެވުމުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި އޭނާ އެ ބެންޗުން ވަކިކޮށް، ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބެލުމަށް ވެސް ބައެއް ފަނޑިޔާރުން ހުށަހެޅުއްވި ކަމަށެވެ.
މައްސަލަތަކުގެ ރައުޔުތައް ތައްޔާރުކުރައްވައި ހައްދަވަނީ ވެސް އަމިއްލަފުޅަށް ކަމަށާއި އެ ވާހަކަ އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކުގައި ދެންނެވުމުން ވެސް އެއަށް ހައްލެއް ލިބިފައިނުވާ ކަމަށް މުއްތަސިމް ވިދާޅުވިއެވެ. ކޯޓުގައި މަސައްކަތް ކުރުމުގައި އިދާރީ ގޮތުން އެތައް ދަތިތަކެއް އޭނާ އަށް ކުރިމަތިވެ ވަޑައިގަންނަވާ ކަމަށްވެސް މުއްތަސިމް ވިދާޅުވިއެވެ.
ނާޝިޒާއި އާޒިމްގެ ގޮނޑި އާއި މެދު ސުވާލު އުފެދުނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަގާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކި މައްސަލައިގަ އެވެ.
ފުނައްޑޫ އަށް ބީއެމްއެލް އިން ފަސް ލޯނެއް ދޫކޮށްފައިވެ އެވެ. އެއީ 35،980،000ރ. ގެ ޑިމާންޑް ލޯނަކާއި 3،500،000 ޑޮލަރުގެ ޑިމާންޑް ލޯނަކާއި 10،280،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 12،000،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 1،200،000 ޑޮލަރުގެ އޯވަޑްރާފްޓް ފެސިލިޓީއެކެވެ. ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސްލޯނުގެ އަދަދު އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރައެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނުތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައި ވާއިރު އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ދީފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް މިހާރު ވަނީ ދީފައެވެ. އެ ލޯނަން ގެރެންޓީ ދެއްވި ތިން ބޭފުޅުންގެ ތެރޭގައި އެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އާޒިމާއި ނާޝިޒްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ