މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު، މާދަމާގެ މެންދުރުފަހު 3.00އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، ހުސްވި މެއި މަހުގެ 9 ވަނަ ދުވަހުއެވެ.
ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުމާއި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލްކުރުމާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.
ރައީސް އޮފީހުން ބުނީ މި ގިންތިތަކުގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ކުދިންނަށް އިނާމު ދެއްވުމުގެ އުޞޫލަށް މިފަހަރު ބަދަލު ގެނެސްފައިވާ ކަމަށާއި އެ ބަދަލަކީ އެއް ކެމްޕަހަށްވުރެ ގިނަ ކެމްޕަހުގައި، އެއް ކޯހެއް ހިންގާފައިވާނަމަ، ކޮންމެ ކެމްޕަހަކުން އެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރަކަށް އިނާމު ދެއްވާ ގޮތަށް ހަމަޖެއްސުން ކަމަށާއި މިގޮތުންވެސް އިނާމު ދެއްވާނީ، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާނަމަ ކަމަށެވެ.
5 ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ކަރބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށެވެ. މި އިނާމަށް ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިންނެވެ. މި އިނާމަށް އެދި އެ މިނިސްޓްރީއަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތުވެސް ހަމަވާނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ