ކަޝްމީރުގައި މުވާސަލާތީ ގުޅުންތައް ވަގުތުން ގާއިމްކުރުމަށް އިލްހާން އުމަރު އިންޑިއާއަށް ގޮވާލައްވައިފި

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި މުވާސަލާތީ ގުޅުންތައް ވަގުތުން ގާއިމްކުރުމަށް، އެމެރިކާގެ ކޮންގްރެސްގެ މުސްލިމް މެމްބަރެއް ކަމަށްވާ އިލްހާން އުމަރު، އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އިލްހާން އުމަރު މިކަމަށް މި ގޮވާލެއްވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަރަންސޭސިވިލާތުގައި ބައްދަލު ކުރެއްވިތާ އެއްދުވަސް ފަހުންނެވެ.
ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، އިންޓަރނެޓާއި، މުވާސަލާތީ ހުރިހާ ގުޅުންތައް ކަނޑާލައި، ކާފިއު އިޢްލާންކޮށް އިންޑިއާއިން ސިފައިން ފޮނުވައި އެ ސްޓޭޓް ބަންދުކޮށްފައި އޮންނަތާ ހަތަރު ހަފްތާވަނީ ވެގެންގޮސްފައެވެ.
އެމެރިކާގެ ކޮންގްރެސް މުސްލިމް މެމްބަރ އިލްހާން އުމަރު ކުރެއްވި ޓްވީޓެއްގައި އިންޑިއާއަށް ގޮވާލައްވާފައިވަނީ، މުވާސަލާތީ ގުޅުންތައް ވަގުތުން ގާއިމްކުރުމަށާއި، އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީގެ ހަމަތަކަށާއި، ދީނީ މިނިވަންކަމަށް އިހްތިރާމް ކުރުމަށެވެ.
ހަމަ އެއާއެކު އިންޑިއާއިން ޖައްމު އެންޑް ކަޝްމީރުގައި ހިންގާ ކަންތައްތައް ވަގުތުން ހުއްޓާލުމަށްވެސް އިލްހާން އުމަރު ގޮވާލައްވާފައި ވެއެވެ.
އަދި ޖައްމޫ އެންޑް ކަޝްމީރުގައި ހިނގަމުންދާ ކަންތައްތައް ފުރިހަމައަށް ބެލުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ފުރުސަތު ދޭން ޖެހޭނޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ކޮންގްރެސް ވަރަށް އިސް މެމްބަރުންތަކެއް މިދިޔަ ހަފްތާގައިވަނީ، ކަޝްމީރުގެ އިސްތިއުމާރަށް ވަގުތުން ނިމުން ގެނައުމަށް އިންޑިއާއަށް ގޮވާލައްވާފައެވެ. އަދި ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ ބަސް އިއްވުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލައްވާފައި ވެއެވެ.
އެމެރިކާ ކޮންގްރެސްގެ އާރމްޑް ސަރވިސަސް ކޮމިޓީގެ ޗެއަރމަން އެޑަމް ސްމިތުވަނީ، އެމެރިކާގައި ހުންނަ އިންޑިއާގެ އެމްބަސެޑަރާ ފޯނުން ގުޅުއްވައި، މަސްރަހްގައި ހިނގަމުންދާ ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމެރިކާގެ ރައީސާއި، އިންޑިއާގެ ބޮޑުވަޒީރު ފަރަންސޭސިވިލާތުގައި ބައްދަލު ކުރެއްވިއިރު، ކަޝްމީރުގެ ކަންތައްތައް ކޮންޓްރޯލް ކުރެފައިވާ ކަމަށް މޯދީ ދެންނެވި ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވެއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކަޝްމީރުގެ މައްސަލަ ޕާކިސްތާނާއި އިންޑިއާއަށް އަމިއްލައަށް ހައްލު ކުރެވޭނޭ ކަމަށެވެ. އެހެން ނަމަވެސް، މެދުވެރިއެއްގެ ދައުރު އަދާކުރަން އެދެ ގައުމުން އެދިއްޖެނަމަ އެކަން ކޮށްދެއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ