ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރައްވާނެ ކަމަށާއި އަދި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ސީއެންއެމުން ގުޅާލުމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމް ކުރައްވާނެ ކަމަށާއި، އަދި އެހުކުމުގައިވާ ގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އެގޮތުން ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމް އަދި އެ ކޮމިޝަނަށް ލިބިފައިނުވާތީ އޭގާއި އޮތް އެއްޗެއް ސާފު ވެފައި ނުވާކަމަށާއި، މިސާލަކަށް ހުކުމުގައި އޮތީ ހަމައެކަނި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އެފުރުސަތު ދިނުމަށްތޯ ސާފުވާން ޖެހޭ ކަމަށެވެ.
ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ އިތުރުން އާންމުކޮށް، އެފުރުސަތު ހުޅުވާލަންޖެހޭތޯ ސާފު ކުރެއްވުމަށްފަހު، އާންމުކޮށް ހުޅުވާލަން ޖެހޭނަމަ އިންތިހާބުގައި ވާދަކުރުމަށް އާންމުކޮށް ހުޅުވާލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ކުރިނަމަވެސް އިންތިހާބު ބާއްވާ ދުވަހަށް ބަދަލެއް ނާންނާނެ ކަމަށެވެ. އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ.
ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެމާއްދާ ބާތިލް ކުރުމަށްފަހު، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
މިމަހުގެ 21 ވަނަ ދުވަހު އިންތިހާބުގެ ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު، އިންތިހާބުގައި 395 ކެންޑިޑޭޓަކު ވާދަކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. އަހުމަދު މުހައްމަދުގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ވަކިން ކަމަށް ވިޔަސް، އެމައްސަލަތައް ކުރިއަށް ގެންގޮސްފައި ވަނީ އެއްކޮށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެއްގޮތަށް ފުރުސަތު ލިބޭނެ، އެކަމަކު އިންތިހާބު އޮންނަ ދުވަހަށް ބަދަލެއް ނާންނާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ