ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާ ސަބަބު ހޯދުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓު ބަލައިގެންފި

ޝަރުއީ ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީން ހުށަހެޅި ރިޕޯޓު އެ ކޮމިޝަނުން ބަލައިގެންފި އެވެ.
މި ރިޕޯޓު އެ ކޮމިޝަނުން ބަލައިގަތީ މިއަދު ބޭއްވި ޖޭއެސްސީގެ 47 ވަނަ ބައްދަލުވުމުގައެވެ. ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބު ހޯދުމަށް އެކުލަވާލާފައިވާ ކޮމިޓީން މިއަދު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓެކެވެ.
ޖޭއެސްސީއަށް މިއަދު ހުށަހެޅި ރިޕޯޓުގައި ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ބަލައި އެ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމުގެ ގޮތުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތުގެ ޝެޑިއުލްއެއް ތައްޔާރުކުރުމަށް ހިމަނާފައިވާ ކަމަށް ޖޭއެސްސީ އިން މައުލޫމާތު ދެއެވެ. މި ރިޕޯޓު ވީހާވެސް އަވަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލިސް، އެކި ކޯޓުތައް އަދި ތަންފީޒީ އިދާރާތަކާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
މިއަދު ކުރިއަށް ދިޔަ ޖޭއެސްސީގެ ބައްދަލުވުމުގައި މި ރިޕޯޓު ބަލައިގަތުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ވަނީ ނިންމާފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ