އިންފޮމޭޝަން ކޮމިޝަނަރު ކަމަށް 9 ބޭފުޅަކު ކުރިމަތި ލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ފަރާތަކުން އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި މަގާމަށް 9 ބޭފުޅަކު ކުރިމަތި ލާފައިވާއިރު އެމަގާމަށް ކުރިމަތި ލާފައިވަނީ ކޮންބޭފުޅުންނެއް ކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ.
މިހާރު ހުންނެވި ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 އަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 14:00 ގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެވޭ ބޭފުޅަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ.
އަދި އެމަގާމަށް ކުރިމަތިލާ މީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ރުހުން ދިނުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ