އަލީ ވަހީދުގެ ފާޑު ކިއުން ސުޕްރީމް ކޯޓަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަލީ ވަހީދު ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެފައިވަނީ މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައިއެވެ.
އަލީ ވަހީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ އަމިއްލައަށް ގާނޫނު ހަދައި، އަމިއްލައަށް މައްސަލަ އުފަންކޮށް ބަލައި، ސިޔާސީ ނަޒަރަކުން ވަކީލުން ސަސްޕެންޑް ކުރުމުގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ގާނޫނީ ވަކީލު އަހްމަދު ތާލިބު އާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލަމުން އަންނަތީ، އޭނާ ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގައިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ތާލިބާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން އަންނަ ކަމަށާއި، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ތާލިބަށް މަނާކޮށްފައިވާ ކަމަށެވެ.
މީގެކުރިން ގާނޫނީ ވަކީލުންނާ ގުޅޭ މައްސަލަތައް އެޓާނީ ޖެނެރަލްގެ އޮފީހުން ބަލަމުން އައި ނަމަވެސް، ސުޕްރީމް ކޯޓުން ވަކީލުންގެ މައްސަލަތައް ބަލާ ގޮތަށް އެ ކޯޓުން މިހާރު ވަނީ ހަމަޖައްސައިފައެވެ.
ސުޕްރީމް ކޯޓުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު، ހުސެއިން ޝަމީމަށް ވެސް ވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ