ފުޓްބޯޅައަކީ ފޯރިގަދަ ކުޅިވަރެއްގެ އިތުރުން، ޤައުމުގެ އެއްބައިވަންތަކަން ދިރުވައި އާލާކޮށް، އަދި ޤައުމީ ރޫޙުގައި ކަންކަން ކުރިއަށް ގެންދިޔުމަށް ރައްޔިތުން އެއްތަން ކޮށްދޭ ކުޅިވަރެއް ކަމުގައި ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޭއްވުނު އަންހެނުންގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި "ސަން ފުޓްބޯޅަ ޓީމް" ގެ ކާމިޔާބީ ފާހަގަ ކުރުމަށް، ސަން ހޮޓެލްސްގެ ފަރާތުން ދަރުބާރު ގޭގައި، ރޭ ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ޤައުމު ބައިބައިވެ، ދޭދޭ ފަރުދުންނާއި އެކުވެރިން ހަތުރުންނަށް ވެގެންދާ ދަނޑިވަޅުތަކުގައިވެސް މިފަދަ ބައިބައިވުންތައް ނެތިކޮށްލުމަށް ފުޓްބޯޅަ ވަނީ މުހިންމު ދައުރެއް އަދާކޮށްފައިކަން ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ބޭއްވުނު އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވައި، ޓީމުގެ މަސައްކަތްތައް، މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
އިލްހާމް ޙުސައިންގެ ވާހަކަފުޅުގައި، ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗެއަމަން އަޙްމަދު ޞިޔާމް މުޙަންމަދު، އިޖްތިމާޢީ ރޮނގުން ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އޭނާއަކީ އެރޮނގުންވެ ސް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި، ކުރެއްވެން އޮތް އެންމެ ފުރިހަމަގޮތުގައި، ކޮންމެ މަސައްކަތެއް ވެސް ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
އެ ޙަފްލާގައި، އަންހެނުންގެ ފުރަތަމަ ޤައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ސަން ޓީމުގެ ދެ ކުޅުންތެރިންނަށް ޓްރޮފީ ޙަވާލުކޮށް ދެއްވީ އިލްހާމް ޙުސައިނެވެ.
"ފުޓްބޯޅައަކީ ރައްޔިތުން އެއްތަންކޮށްދޭ ކުޅިވަރެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ