އަޅުގަނޑާއި ވާދަކުރެވޭނެ ހަމައެކަކުވެސް ނެތް - ގާސިމް

ދިވެހިރާއްޖެއަށް ހިދުމަތްކޮށްދިނުމުގެ ރޮނގުން އޭނާ އާއި އެއްހަމައެއްގައި ގުނާލެވޭނެ ހަމައެއްވެސް ބޭފުޅަކު ނެތްކަމަށާއި އޭނާ އާއި ވާދަކުރެވޭނެ ހަމައެކަކުވެސް ނެތް ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ސިޔާސީ ފަރާތްތަކަށް ވަރުގަދަ ރައްދެއް ރޭ ދެއްވައިފި އެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ޖުމްހޫރީ ޕާޓީން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރައްވަން ނިކުމެވަޑައިގަންނަވާ ބޭފުޅުންނަށް ބަލާއިރު އިޚްލާޞްތެރިކަމާއެކު މިޤައުމަށް ޚިދުމަތް ކޮށްދިނުމުގެ ރޮނގުން އެމަނިކުފާނާ އެއްހަމައެއްގައި ގުނާލެވޭނެ ހަމައެއްވެސް ބޭފުޅަކު ނެތްކަމަށެވެ.
”އިރާދަކުރެއްވިއްޔާ ރާއްޖޭގައި ކަންކުރި މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ، ކޮންމެ ދާއިރާއަކުން، ކޮންމެ ގޮތަކަށް ބެލިޔަސް މިޤާސިމަށްވުރެ ގިނައިން ރަގަޅު ކަންކަން ކުރި މީހަކު މިޤައުމަކު ނުހުންނާނެ، އެއީ ޤައުމު އާރާސްތު ކޮށްދިނުން ކަމަށްވިޔަސް، އެއީ ފަރުދުންނާއި، ރަށްރަށުގެ ތަރައްޤީއަށް ހޭދަކުރުންކަމަށްވިޔަސް، އެއީ ކުލަބު ޖަމްޢިއްޔާތަކަށް އެހީތެރިވުން ކަމަށްވިޔަސް، އަދި އެއީ ބޭސްފަރުވާ ކޮށްދިނުމާއި، ތަޢުލީމް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށްވިޔަސް، އަޅުގަނޑާ އި ވާދަކުރެވޭނެ ހަމައެކަކުވެސް ނެތް” ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ ޖުމްހޫރީޕާޓީގެ ކައުންސިލުން އެފުރުޞަތު ދެއްވުމުން މިޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ މަތިވެރި އަޒުމްގައި ކަމަށާއި އެމަނިކުފާނަށް ދިވެހި ދަޢުލަތުން ބޮޑުލާރިއެއްވެސް ބޭނުންފުޅު ނުވާކަމަށެވެ.
ގާސިމް ވިދާޅުވީ އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ޤައުމަށް ދިމާވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ކަމަށާއި ޤައުމު މިހާރު މިއޮތް ޙާލަތުން އެހެން ޙާލަތަކަށް ބަދަލުކޮށްދެވޭނީ އެމަނިކުފާނަށް ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ރޭގެ ބައްދަލުވުމުގައި ދެއްވާފައެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް، ތަފާތު ދޮގު ވާހަކަތައް ފަތުރާ، ތަފާތު ދޮގު ވަޢުދުތައް ވަމުންދާނެ ކަމަށާއި އެކަންތައްތައް ޖެހޭނީ އެއްކަންފަތުން ވައްދާ އަނެއް ކަންފަތުން ނެރެން ކަމަށެވެ.
”އެދައްކާ ވާހަކަތައް ރަގަޅަށް ތަޙްޤީޤްކޮށް، ރަނގަޅަށް ތަޙްލީލުކޮށް، ރަގަޅަށް ދިރާސާ ކުރަންޖެހޭނެ، ޤަބޫލުކުރަންވާނީ ޤަބޫލުކުރެވޭ ކަހަލަ ވާހަކަތައް” ގާސިމް ވިދާޅުވިއެވެ.
ރޭގެ މިބައްދަލުވުމުގައި ޕާޓީގެ ނައިބުރައީސް އަމީން އިބްރާހީމްވެސް ވާހަކަފުޅު ދެއްކެވިއެވެ.  އަމީން ވިދާޅުވީ ގާސިމް އިބްރާހީމްގެ ފިކުރުތައް އެހެންޕާޓީތަކުގެ ލީޑަރުން ބޭނުންކުރައްވަމުން ގެންދަވާކަމީ ޤާސިމް އިބްރާހީމް ދައްކަވާ ވާހަކަފުޅުތަކާއި، ކުރައްވާ ވައުދު ތަކަކީ ހަމަ ޙައްޤު ތެދުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. މިގޮތުން ރާއްޖޭން ތެޔޮ ނެގުމާއި، ޤައުމީ ޔުނިވާސިޓީއެއްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޓެކްސްގެ ނިޒާމް ތަޢާރަފް ކުރުންފަދަ ކަންކަމަކީ ޤާސިމް އިބްރާހީމް އިސްނަންގަވާފައިވާ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ