ސުޕްރީމް ކޯޓަށް އެމްޑީޕީން ވަދެގަތުމަށް ޝިފާޒް ގޮވާލައްވައިފި

ސުޕްރީމް ކޯޓުގެ ތެރެއަށް އެމްޑީޕީ ގައުމީ މަޖިލިސްގެ މެންބަރުންނާއި އެޕާޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ވަދެ އެތަނުގެ ބެންޗު ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާޒް ގޮވާލައްވައިފި އެވެ.
"އަޅުގަނޑު ގޮވާލަން، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ގޮސް ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގަންނަން،" އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ރޭ ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން މަދަނީ ބަސް ނޭހުމަކަށް ދިއުމަށް ވެސް ގޮވާލައްވާފައެވެ.
ޝިފާޒް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ފަހުމީ މަގާމުން ވަކިކުރެއްވީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ފަހުމީ އާއި ދެކޮޅަށް ސިވިލް ސާވިސް މުވައްޒަފުން ނިކުންނަން ޖެހޭ ކަމަށެވެ.
އަދި ފަހުމީ އާއި ދެކޮޅަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ނިކުމެ މަސައްކަތް ހުއްޓާލާ މަދަނީ ބަސް ނޭހުމަކަށް ދިއުމަށް ޝިފާޒް ގޮވާލެއްވި އެވެ.
ސުޕްރީމް ކޯޓަށް އެމްޑީޕީން ވަދެގަތުމަށް ޝިފާޒް ގޮވާލެއްވިއިރު ކުރިއަށް އޮތް ދުވަސްތަކުގައި “އިންސާފްގެ ދަތުރު”ގެ ނަމުގައި އެމްޑީޕީން ހިންގާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށް “އިންސާފްގެ ދަތުރު މެކުހަށް” މި ނަމުގައި، މިއަދުން ފެށިގެން ކެމްޕެއިން ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިގޮތުން ކޮންމެ ދުވަހަކު މެންދުރު 2ން ފެށިގެން ސުޕްރީމް ކޯޓުގެ ކުރިމަތީގައި “ސީދާ ހަރަކާތް” ކުރިއަށް ދާނެ ކަމަށް އެޕާޓީން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި އެ ކޯޓަށް އާ ފަނޑިޔާރުން އައްޔަންކުރުމަށް މަޖިލީހުގައި އެދުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މާލެ ސިޓީ ކައުންސިލް ހޯލުގައި އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވަކިކުރެއްވުމަށާއި އެކޯޓަށް އާ ބެންޗެއް އެކުލަވާލުމަށް މަޖިލީހުގައި އެދުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ރައީސް މުޙައްމަދު ޝަރީފުއެވެ.
އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ ރައީސް އިބުރާހީމު އާތިފެވެ. މިހުށަހެޅުން ފާސްވީ ޖަލްސާއަށް ހާޒިރުވެ ތިބި 63 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާ ކަންކަން ބާތިލްކޮށް މަޖިލީހުގެ ބާރުތަކަށް ސުޕްރީމު ކޯޓުން އަރައިގަނެފައިވާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓާއި ދެކޮޅަށް ވަރުގަދަ އިހްތިޖާޖުތަކެއް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ