އައްމަޓީ ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި، ވ. ތިނަދޫ ރެޑްހައުސް، އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި އަންމަޓީގެ ފަރާތުން ބަންދާމެދު ވާހަކަދައްކާފައިވާއިރު، މިއަދު ކުރިއަށް ދިޔަ މަޖިލީހަކީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހެކެވެ.
މީގެކުރިން ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން އަމުރު ނެރެފައިވަނިކޮށް، ހައިކޯޓުންވަނީ އެ އަމުރު ބާތިލްކޮށް އޭނާ ހައްޔަރު ކުރުމަށް އަމުރުކޮށްފައެވެ.
އިތުރު ޝަރުތުތަކެއް މަތިކޮށްފައި ނަމަވެސް އަންމަޓީ ބަންދުން ދޫކޮށްލުމަށް އޭނާގެ ދިފާއީ ވަކީލް، އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިއްޔެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން، ޝަރުތުތައް ގިނަ ކުރުމަށްފަހު އަންމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންވެސް ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވެ، ޖާމިނުވާ ފަރާތެއް ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލުން ނުވަތަ ކޮންމެ ދުވަހަކު ނޫނީ ދެ ދުވަހުން އެއްދުވަހު ޕޮލިހަށް ނުވަތަ ކޯޓަށް ނުވަތަ ޕީޖީ އޮފީހަށް ހާޒިރުވެ ސޮއިކުރާ ގޮތަށް ނަމަވެސް ބަންދުން ދޫކޮށްދެއްވުމަށް އައްމަޓީގެ ދިފާއީ ވަކީލް މުހުތާޒު މުހުސިން ވަނީ އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި އެދިވަޑައިގެންފައެވެ.
ނަމަވެސް، އެކަމަށް އިއުތިރާޒްކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ، ދެ އަހަރު ވަންދެން އޭނާ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓުކޮށްލުމުން ކަމަށެވެ. އެސަބަބާ ހުރެ، އޭނާ ކޯޓަށް ހާޒިރުނުވެދާނެތީ އާއި ޝަރީއަތަށް ފިލައިފާނެކަމުގެ އިހުތިމާލް ވަރަށް ބޮޑުކަން ދައުލަތުގެ ވަކީލާ ފާހަގަކުރެއްވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ، އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ދެމެހެއްޓުމަށެވެ. ނަމަވެސް، 30 ދުވަހުން ބަންދު މުރާޖައާ ކުރާއިރު، ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ 42 ދައުވާގެ ތެރެއިން ހަތަރު ދައުވާއެއް އިއްޔެ އިއްވާފައި ވާއިރު، ހަތަރު ދައުވާއަށްވެސް އަންމަޓީ ވަނީ އިންކާރުކޮށްފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
މިމައްސަލާގައި އައްމަޓީގެ މައްޗަށް ދައުލަތުން އުފުލާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ