އެންމެ ދެކެން ބޭނުންވަނީ، ދައުލަތުން ދޭ ހިދުމަތް ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ދުވަސް: ރައީސް

ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދައުލަތުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވެގެން ދާ ދުވަސް ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021-2023 ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ގޮތުގައި މި ފޯރަމަކީ އެކަމުގެ ފެށުން ކަމަށެވެ. އެ ހުވަފެން ހަގީގަކަތަށް ހައްދަވާނީ ސަރުކާރުގެ އިދާރާ ތަކުގައި މުވައްޒަފުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ހުރިހާ އިދާތަކުގެ ސާވިސް ޗާޓަރުތައް ތައްޔާރުކޮށް އާއްމު ކުރުމަށް މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ސިޔާސީ މަގާމެއްގައި ހުރުމަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތްކުރުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތައް މަސައްކަތް ކުރަނީ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި ވީ ނަމަވެސް، މިއީ އެއް ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ކޮވިޑުން އަރައިގަންނަން ދުރާލައި ރާވައި، އެންމެން އެއްތަންވެގެން ކުރި ބުރަ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވުނުކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމަ އެ ބީދައިން، ސަރުކާރު ހިންގުމަށްވެސް ހުރިހާ އިދާރާއަކުން ގުޅިގެން އެ ރޫހުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ. "އަޅުގަނޑުމެން ސިޔާސީ މީހުންނަކީ ހަމައެކަނި ކަންކަމުގައި ބަސް ކިޔައި، ގޮތެއް ނިންމަން ތިބޭ ބައެއް ނޫން. އަމަލީ ގޮތުން ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތު. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދެމިތިބޭ ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން. އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ ތިޔަބޭފުޅުންގެ ހަރަކާތް އިތުރު ކުރި ވަރަކަށް،" ރައީސް ވިދާޅުވިއެވެ. ވެރިކަން ކުރަނީ ކޮން ޕާޓީއަކުން ކަމާއި ސަރުކާރު ހިންގަނީ ކޮންބައެއްކަން ބެލުމަކީ ސިވިލް ސާވިސްގެ ދައުރެއް ނޫން ކަމަށާއި ސިިވިލް ސާވިސްއިން ކުރަން ޖެހޭ ކަމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. "ކުރުކޮށް ދަންނަވާނަމަ، ސަރުކާރު މި ހިނގަނީ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން އެކުވެގެން ހެދިފައި އޮންނަ އެއް އިންޖީނަކުން. އެ އިންޖީނު އޭގެ ފުރިހަމަ ބާރުމިނުގައި ހިނގާނީ މިދެބައިގެ މެދުގަ ވަރަށް ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެން،" ރައީސް ވިދާޅުވިއެެވެ. ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ އިންސާނީ ވަސީލަތްތައް އިތުރު ކޮށްގެން ކަމަށް ވުމާއެކު މިއަދު ފެށުނު ޕްރޮގްރާމްގެ ނަތީޖާ އަކަށް ވާނީ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިއުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، އާއްމު ރައްޔިތުންނާއި ސަރުކާރާ ދެމެދު ވަރަށް ހަނި ގޮތަކަށް މީގެ ކުރިން މުއާމަލާތު ކުރެވުނު ނަމަވެސް، ގަވް.އެމްވީ އިފްތިތާހު ކުރުމާއެކު އެކަން ބަދަލުވެ، ކޮންމެ އިރަކު، ކޮންމެ ތާކު ހުރެގެން ވެސް އާއްމުންނަށް ސަރުކާރާއެކު މުއާމަލާތު ކުރެވޭނެ ކަމަށެވެ. އެހެންކަމަށް ވުމާއެކު ހިދުމަތް ދޭން ތިބޭ މީހުންވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ވުމުގެ މުހިންމުކަމާމެދު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަޑު ކަނޑުވައި ލުމުގެ ބަދަލުގައި އެ ފަރާތްތަކުގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަކީ އޮފީހެއްގެ ހިނގުން ހަރުދަނާ ކުރެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެކުގައި މަސައްކަތް ކުރާ މީހުންނަކީ ތިމާގެ ދަށުގައި މަސައްކަތް ކުރާ މީހުންގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އޮފީހެއްގެ އެންމެންނަކީވެސް އޮފީހުގެ ކާމިޔާބީގެ ބައިވެރިއެއްގެ ގޮތަށް ދެކުމަށް ރައީސް ގޮވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ