ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ މެމްބަރު އަވަހާރަވުމާ ގުޅިގެން އެގޮނޑިއަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަންގެ މަސައްކަތް ފަށައިފިއެވެ.
އެލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވީނިއުސްއަށް ވިދާޅުވީ، އިންތިޚާބެއް އިޢުލާންކުރުމުގެ ކުރިން ހޯދަންޖެހޭ މަރު ކަށަވަރުކުރުމުގެ ލިޔެކިޔުމާއި އަދި އިތުރު އިދާރީ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި އޮންނަ ގޮތުން، ދައުރުގެ މެދުތެރެއިން ގޮނޑިއެއް ހުސްވެއްޖެނަމަ، ދެމަސް ދުވަހުގެ ތެރޭގައި ނުވަތަ 60 ދުވަހުގެ ތެރޭގައި އެ ދާއިރާގެ ބައި އިލެކްޝަންސް ބާއްވަން ޖެހެއެވެ.
ފުވާދު ވިދާޅުވި ގޮތުގައި އެމުއްދަތު ތެރޭގައި އިންތިޚާބެއް ބޭއްވޭނެއެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި ޓައިމް ޓޭބަލެއް އެކަށައެޅުމަށް ބުދަދުވަހު ކޮމިޝަނުގެ މެމްބަރުން މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.
ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހުސެއިން ވަނީ ހޭދަކުރައްވާފައެވެ.
ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނެވީ މިއަހަރުގެ މާރިޗުމަހުގެ 29 ވަނަ ދުވަހުގައެވެ.
ހުސެއިން ވަހީދު އަވަހާރަވުމުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކޮމަންޑޫ ދާއިރާ ތަމްސީލުކުރެއްވި މެމްބަރަކީ ހުސެއިން ވަހީދެވެ. އޭގެ ފަހުން އެއް ދައުރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސެއިން ކާމިޔާބު ކުރެއްވިއެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ މަސައްކަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ