ރައީސް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރިޔަމް ސައީދު ފަސްދާނުލައިފި

ކުރީގެ ރައީސް މަރުހޫމް އިބްރާހިމް ނާސިރުގެ އަނބިކަނބަލެއް ކަމުގައިވި ބަގީޗާގޭ މަރިޔަމް ސައީދު މިއަދު ސިލޯނުގެ ކޮޅުނބުގައި ފަސްދާނުލައިފިއެވެ.
މަރިޔަމް ސައީދު ފަސްދާނުލައިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހު އެކަމަނާގެ ބައްޕާފުޅު ހުސައިން ޞަލާހުއްދީންގެ މަހާނައާއި އެކަމަނާގެ ބޭބޭފުޅު އިބްރާހިމް ޝިހާބުގެ މަހާނައާ ޖެހިގެންނެވެ. އެއީ ސްރީލަންކާގެ ކުޕިޔަވައްޓެގެ އިސްލާމުންގެ ގަބުރުސްތާނުގައެވެ.
އެކަމަނާގެ ޖަނާޒާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރުއުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި، އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ސިލޯނަށް ދިވެހިރާއްޖެއިން ކުރިން ކަނޑައަޅަފައި ހުންނެވި ސަފީރު ހުސައިން ޝިހާބު ހިމެނިވަޑައިގަންނަވައެވެ. މި ޖަނާޒާގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ނާސިރުގެ ދެވަނަ އަނބިކަނބަލުން މަރިޔަމް ސައީދު އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައެވެ.
މަރިޔަމް ސައީދު ވަނީ ދިވެހި އަދަބިއްޔާތުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ޅެންތަކެއް ހައްދަވާފައެވެ. މަރިޔަމް ސައީދަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަލްމަރުހޫމް ހުސައިން ޞަލާހުއްދީންގެ އެންމެ ހަގު ދަރިކަނބަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ