އެކެއް ފެބްރުއަރީގެ އަމުރަކީ ގޯސް އަމުރެއް ނޫން: ސުޕްރީމް ކޯޓުގެ ފަނޑިޔާރު

ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތް ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ފެށުމާއެކު ދައުވާކުރާ ބަންޑާރަނައިބް އޮފީހުގެ ސްޓޭޓް ކައުންސިލް މާޝާ ލުތުފީ ވަނީ އިޖުރާއީ ނުކުތާއެއް ނަންގަފާ އެވެ. އެގޮތުން ދައުލަތުގެ ވަކީލާ މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ދުރާލައި ރާވައިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި މި ދެ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ސުޕްރީމް ކޯޓުން މިއަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ކަމަށްވެސް ދައުލަތުގެ ވަކީލާ ވަނީ ތުހުމަތުކުރައްވާފަ އެވެ. އެހެންކަމުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު އަމުރަކަށް ވާނެ ކަން ފާހަގަކުރައްވަމުން ދައުލަތުގެ ވަކީލް ވަނީ މުޅި އެ އަމުރު އެއީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
ދައުލަތުން ނެގި އިޖުރާއީ ނުކުތާއާއި ގުޅިގެން މައްސަލަ ބައްލަވަން ތިއްބެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަޝްވަރާކުރެއްވުމަށްފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަރީފް ވަނީ އިޖުރާއީ ނުކުތާ ބަލައިގަނެވެން ނެތް ކަމަށް ނިންމަވާފަ އެވެ.
ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ދައުލަތުގެ އިޖުރާއީ ނުކުތާ ބަލައިނުގަތީ ފަނޑިޔާރަކަށް ޖިނާއީ ތުހުމަތުކުރެވުމަކީ އަމުރު ބާތިލްކުރަން ޖެހޭ ސަބަބެއް ކަމަށް ނުވާތީ ކަމަށެވެ. ފަނޑިޔާރަކަށް ކުރެވޭ ޖިނާއީ ތުހުމަތަކީ ޝަހްސީ ގޮތުން ކުރެވޭ ތުހުމަތަކަށްވާތީ އެކަން ހިނގާނީ އެ ފަނޑިޔާރެއްގެ މައްޗަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
ފަނޑިޔާރު ދީދީ ވިދާޅުވީ ހުކުމެއް ނުވަތަ އަމުރެއް ގޯސްކޮށް އޮތް ނަަމަ ދިރާސާކުރުމަށްފަހު އެ އަމުރެއް ނުވަަތަ އެ ހުކުމެއް ބާތިލްކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތަކަށް ބަލައިގެން ނޫން ކަން ފާހަގަކުރައްވަމުން ފަނޑިޔާރު ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީ އަމުރުގައި ހުރި ބައެއް ބައިތައް ވެސް ބާތިލްކުރީ އެގޮތަށް އަމުުރުގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެވެ. އަދި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ޚިލާފު އަމުރެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އިޖުރާއީ ނުކުތާ ބަލައިނުގެން މައްސަލާގައި ފަނޑިޔާރުން ޖަވާބެއް ދެއްވި ނަމަވެސް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން އަމުރު ނެރުއްވި ކަމަށް ވިދާޅުވެ ދައުލަތުން ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން ފަނޑިޔާރުންގެ ބެންޗުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް ގުޅިފައިވާ ޕާޓީ ތަކުން ހުށަހަޅާފައިވީ ނަމަވެސް އެކަމުގައި ފަނޑިޔާރުން މިއަދު އެއްވެސް އެއްޗެއް ވިދާޅުވެ އެއްވެސް ގޮތެއް ނިންމަވާފައެއް ނުވެ އެވެ. އަދި މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވިއިރު މިމައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް އިއުލާންކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ