ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ގޮތެއް ނެތިގެންކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސަރުކާރުގެ ތެރޭގައިހުރި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަށް ކަމާ ގުޅުންހުރި އެއްވެސް މުއައްސަސާއަކުން ބެލޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޝަރުއީ ދާއިރާގެ އެންމެ މަތީ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށްވާތީ، މިވަގުތު މި މައްސަލަތަކަށް ހައްލެއް ހޯދެން އޮތީ ސްޕްރީމް ކޯޓުން ކަމަށްވާތީ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ބާރުވެރިކަން ނުފޯރާ އެއްވެސް ތަނެއް ނެތް. އެހެންވީމާ ރައްޔިތުންގެ މަޖިލިސް އޭގެ ޒާތުގައި ޤާނޫނީ ގޮތުން ހިންގޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ބާރަ މެންބަރެއްގެ މަސައްކަތަށް މިވަނީ ސިފައިން ބޭނުން ކޮށްގެން ހުރަސް އަޅާފައި. ސަރުކާރުގެ މުއައްސަސާތައް މިއަދު މިވަނީ ފަންގްޝަން ކުރުމަށް ހުރަސް އެޅިފައި." ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ސިފައިންގެ އެންމެ އިސް ވެރިޔަކަށް މި ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހެންވީމާ، ރައްޔިތުންގެ މަޖިލީހަށް މިވަގުތު މައްސަލައެއް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ އޮންނަ ޕްރޮސެސްގެ ތެރޭއިން މިކަން (ރައީސް ޔާމީން ވެރިކަމުން ދުރުކުރުން) ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އިއްޔެ ހަވީރިއިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން މި ޖެހުނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ބާރުތައް ވަކިކުރުމުގެ ބައިތައް މުޅިން ނެތިކޮށްލާފައިވާތީ ކަމަށާއި މަޖިލިސް ހުއްޓުވާފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވެރިކަން ހިންގާ ބާރުންކަން އެނގެން އެބައޮތް ކަމަށެވެ. އަދި މި ހާލަތުގައި ރައްޔިތުންގެ އާންމު މަސްލަހަތަށް ރިއާޔަތް ކުރައްވާ ސްޕްރީމް ކޯޓުން މިކަމަށް ފަރުވާއެއް ދެއްވަން ޖެހޭކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ ބަހުރުވައިން ނަމަ އެވަނީ "ޑެޑް ލޮކެއްގައި". ޤައުމު މިގޮތުގައި ދުސްތޫރީ ނިޒާމުން ބޭރުން ގެންދެވޭނެ ކަމަކަށް އަޅުގަނޑުމެން ޤަބޫލު ނުކުރަން." އަލީ ޒާހިރު ވިދާޅުވިއެވެ.
ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަބްދުﷲ ރިޔާޒް ވިދާޅުވީ، ޤަބޫލުފުޅު ކުރައްވާ ގޮތުގައި އިންސާފު ހޯދައިދެވޭނީ ސްޕްރީމް ކޯޓުން ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މި މަސައްކަތަކީ ގާނޫނު އަސާސީގެ ބޭރުން ކުރާ ކަންކަން ނޫން ކަމަށެވެ. އަދި މި މަސައްކަތްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި ރައީސް މަގާމުން ދުރުކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެއްވެސް މުއައްސަސާއަކުން އެ ކަމާ ގުޅޭ މައްސަލަތަކަށް އިންސާފު ނުލިބޭތީ ކަމަށާއި އިންސާފު ހޯދައިދޭނީ ރައީސުލް ޖުމްހޫރިއްޔާ ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ޤައުމު ވެއްޓިފައިމިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި އަދި ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް މިނިވަނެއް ނޫން ކަމަށާއި އުއްމީދު ކުރައްވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިންސާފުވެރިކޮށް ބައްލަވާ އަވަހަށް ނިންމަވައި ދެއްވައި، ސްޕްރީމް ކޯޓުން އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކާހެދި އެހެން ދިމާއަކަށް ދެވެން ނެތުމާއެކު ސްޕްރީމް ކޯޓުން އިންސާފު ހޯދުމަށްޓަކައި މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ. އުއްމީދަކީ ސްޕްރީމް ކޯޓުން އިންސާފު ހޯއްދަވައިދެއްވުން އަދި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިންސާފުވެރިކޮށް ބައްލަވާ އަވަހަށް ނިންމަވައި ދެއްވުން." ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ހުށަހެޅީ، ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާތީ، ދިވެހިރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ސަލާމަތްކޮށް، ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކުން ބަލަންޖެހޭކަމަށް ކަނޑައަޅުއްވާދެއްވުންއެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހުށަހެޅި މައްސަލައިގައި، މި މައްސަލަ ބަލާ ނިމެންދެން ޤާނޫނު އަސާސީގެ 117 ވަނަ މާއްދާގައި ވާގޮތަށް ވެރިކަން ނައިބު ރައީސް އާއި ހަވާލުކޮށް މައްސަލަ ތަހްޤީގް ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ގޮތެއް ނެތިގެން - އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ