ފުލުހުން އެންދެރިމާގެއަށް ގަދަކަމުން ވަދެގެންފި ކަމަށް މައުމޫން ވިދާޅުވެއްޖެ

ކޯޓް އަމުރުގައިވާ ގޮތާ ހިލާފަށް ފުލުހުން އެންދެރިމާގެއަށް ގަދަކަމުން ވަދެގެންފި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކޯޓު އަމުރުގައި އޮތީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާ ގުޅޭ ތަންތަން ބަލާ ފާސް ކުރުމަށެވެ. އެކަމަކު އެންދެރިމާގެއަކު ފާރިސްގެ ކޮޓަރިއެއް އޮފީހެއް ވެސް ނުހުންނާނެ ކަަމަށެވެ. އަދި މިހެން ބުނީމަ ވެސް ވަދެގަތީ ކަމަށައި އަދި ތަންތަނާ ތަކެތި ބަލަނީ ކަމަށް މައުމުންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފުލުހުން އެންދެރިމާގެއަށް ވަދެ ބަލައި ފާސްކުރަމުންދާއިރު އެގޭގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ނޫޅުއްވާ ކަމަށް އެނގިފައިވެ އެވެ.
އެންދެރިމާގެއަށް ފުލުހުން ވަދެފައިވަނީ އެގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމަށްފަހު އެވެ.
ފުލުހުން އެންދެެރިމާގެ ބަލައި ފާސްކުރަނީ އޭގެގެ ވެރިފަރާތުގެ ހާޒިރުގައި ނޫން ކަމަށް ރައީސް މައުމޫނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ނާދިރާ ވަނީ ވިދާޅުވެފަ އެވެ.
އެންދެރިމާގެ ބަލައި ފާސްކުރުމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމާކޮށްފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ