ސްކޫލް ކްރިކެޓް ލީގު 2013: ޖަމާލުއްދީނާއި ކަލާފާން މެޗުން ކޮންމެ ޓީމަކަށް އެއް ޕޮއިންޓް

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ގްރޫޕް "އޭ"ގެ ފަހު މެޗުގައި ޖަމާލުއްދީން ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލު ކުރިމެޗު، ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ދިނުމަށްފަހު ނިންމާލައިފި އެވެ.
މިއަދުގެ މެޗް ފެށިގެން ދެވަނަ އިނިންގްސްގެ ފުރަތަމަ އޯވަރު ނިމުނުތަނާ ވާރޭ ވެހެން ފެށުމުން އެ މެޗު އިތުރަށް ކުރިއަށް ނުގެންދެވުމުން އަމްޕަޔަރުން ނިންމީ މެޗު ނިންމާލާށެވެ.
މިއަދުގެ މެޗުގައި ކަލާފާނުގެ ނަޒުވާން ވަނީ މުބާރާތުގެ ފުރަތަމަ "ސަތޭކަ" ހަދާފަ އެވެ. އެގޮތުން އޭނާ ވަނީ، ފުރަތަމަ ކުޅެން އެރިގޮތަށް ނުބައި ނުވެ، 102 ލަނޑު ހަދާފަ އެވެ.
ޓޮސް ދިމާވުމުން ކަލާފާން ކުޅެންއަރައި 20 އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 171 ލަނޑުހެދި އެވެ. ޖަވާބުގައި ކުޅެންއަރައި ފުރަތަމަ އޯވަރުގައި މެޗް ނިންމާލިއިރު ޖަމާލުއްދީނަށް ހެދިފައިވަނީ އެންމެ ތިން ލަނޑެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި މާދަމާ ހެނދުނު 8:00ގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލް އެވެ. އަދި ދެވަނަ ސެމީގައި މެންދުރު ފަހު 2:00ގައި ވާދަރާނީ ކަލާފާން ސްކޫލާއި މުހިއްދީން ސްކޫލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ