ރައީސް ޔާމީނަށް ޕީޕީއެމް ހަވާލުކުރުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނިކޮށް، އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
ހައިކޯޓުން މި މައްސަލާގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ މައުމޫން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން މައުމޫނަށް މިއަދު ވަނީ އަންގާފަ އެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، ހައިކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަވައިދުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެ ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫން ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ ސިވިލް ކޯޓުން ޕީޕީއެމްއަށް ދީފައިވާ ފަރުވާއަކީ ޕާޓީގެ ހިންގުން ހުއްޓިފައި އޮންނަ އޮތުމަށް ވަގުތީ ގޮތުން ނިމެއް ގެނެސްދޭ ވަގުތީ އަމުރެއް ކަމަށެވެ. އަދި އެއީ އެ އަސާސްތަކެއްގެ މައްޗަށް ގާނޫނު އަސާސީ ގާއިމުވެފައިވާ އަސާސްތަކުގެ ތެރެއިން އަސާސެއް ނަގެހެއްޓުމަށްޓަކައި ދީފައިވާ ވަގުތީ ފަރުވާއެއް ކަމަށެވެ.
ހައިކޯޓުން ނިންމި ނިންމުން ގަބޫލުނުކުރެވޭ ކަމަށް ބުނެ މައުމޫންގެ ފަރާތުން ހުށަހެޅި ސަބަބުތަކަކީ ހުކުމް ގާނޫނާ ހިލާފު ކަމަށް ބަލަންޖެހޭ ގާނޫނީ ގޮތުން ސައްހަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
"ހިނގަމުންދާ ސިޔާސީ ޕާޓީއެއްގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގަންޖެހޭ ސިޔާސީ ހަރަކާތްތައް ގާނޫނާ ހިލާފަށް ހުއްޓިފައި އޮތުމަކީ އެއްވެސް ފަރާތެއްގެ މަސްލަހަތު އެކަމުގައި އޮތް ކަމަކަށްނުވާތީ އާއި ދިވެހި ދައުލަތުގެ ބައިތުލްމާލުން ހަރަދުކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްވެސް ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ހުއްޓުވާފައި ބޭއްވުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫންކަން ރަނގަޅަށް އެނގެ އެވެ،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް މިހާރު ރައީސް ޔާމީންގެ ރިޔާސަތުގައި ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ގައުމީ ޖަލްސާއެއް ބޭއްވެން ދެން ޕާޓީގެ ހިންގުން ވަނީ ރައީސް ޔާމީނާ ހަވާލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ