މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހިންގާ ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ސެޝަނެއް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ނަންގަވައި ދެއްވައިފި އެވެ.
މިނިސްޓަރ އުމަރު މިއަދު ނަންގަވައި ދެއްވީ މި ކޯހުގެ 4 ވަނަ މޮޑިއުލް "ތިއަރީ އެންޑް ކޮންސެޕްޓް އޮފް ޕޮލިސިން"ގެ ސެޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ސެޝަންގައި މިނިސްޓަރ ވަނީ ތަފާތު އެކި ޤައުމުތަކުގައި ބޭނުންކުރާ، ޕޮލިސިންގ ދާއިރާގެ ތަޖުރިބާކާރުން އުފަންކޮށްފައިވާ ކޮންސެޕްޓް ތަކަށް އަލިއަޅުއްވާ ލައްވާފައިކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.
"މިނިސްޓަރ ވަނީ، ސޯޝަލް ސައިންޓިސްޓުން ކަމުގައިވާ ޖޭމްސް ކިއު. ވިލްސޮން އާއި ޖޯޖް ކެލިން 1982 ވަނަ އަހަރު ތަޢާރަފްކުރެއްވި "ބްރޯކެން ވިންޑޯ ތިއަރީ" އަށް ޚާއްޞަގޮތެއްގައި ބައްލަވައި ލައްވާފައެވެ. މި ތިއަރީއަށް ބައްލަވައި ލައްވަމުން މިނިސްޓަރ ވިދާޅުވީ، މި ތިޔަރީ، 1990 ގެ އަހަރުތަކުގައި ޕޮލިސިންއަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާކަމަށާއި މިއަދުވެސް މިތިއަރީ ޕޮލިސިންގެ ދާއިރާއަށް އެދެވޭ ބޮޑެތި އަސަރުތަކެއް ކުރުވަމުންދާކަމަށެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.
"ބްރޯކެން ވިންޑޯ ތިއަރީ" ބުނާގޮތުން، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި މަގުތައްމަތީގައި މީހުންނާ ފޮށުމާއި ދޭދޭ ފަރުދުންގެ މެދުގަ އާއި ގްރޫޕްތަކުގެ މެދުގައި ހިނގާ ޒުވާބުތައްފަދަ، މުޖުމަތައެއްގައި ހިނގައި ކުދި ކުށްތައް ހުއްޓުވުމުގެ ސަބަބުން އެހެނިހެން ބޮޑެތި ކުށްތައް މަދުކުރެވިގެން ދާނެއެވެ.
މި ސެޝަންގައި މިނިސްޓަރ ވިދާޅުވީ، "ބްރޯކެން ވިންޑޯ ތިއަރީ" ތައާރަފުވުމުގެ ކުރީގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ފުލުހުން އިސްކަންދީފައިވަނީ، މީހުން މެރުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުންފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްކަމަށެވެ.
އެހެންނަމަވެސް، "ބްރޯކެން ވިންޑޯ ތިއަރީ" ގައި ފާހަގަކޮށްފައިވާގޮތުން، އެފަދަ ބޮޑެތި ކުށްތައް ހިނގަން މެދުވެރިވަނީ، ބައިވަރު ކުދި ކުށްތައް ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް މިނިސްޓަރ މި ސެޝަންގައި ފާހަގަކުރެއްވި ކަމަށާއި އެހެންކަމުން، މި ތިޔަރީ ގަބޫލުކުރާގޮތުގައި މުޖުމަތަމައުގައި ހިނގައި ކުދި ކުށްތަކާއި ހަމަނުޖެހުންތަކަށް ފިޔަވަޅު އަޅައިފިނަމަ ބޮޑެތި ކުށްތަކާ ހިސާބަށް ނުދަނީސް ހުއްޓުވިދާނެކަމަށާއި، އަދި މި ތިއަރީ އުފަންވީންސުރެ މިހާތަނަށް މި ތިއަރީގެ ތެދުކަން ފެނިގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ތިއަރީއަށް އިތުރަށް ބައްލަވައި ލައްވާ މިނިސްޓަރ ވިދާޅުވީ، މުޖުތަމައުގައި ހިނގައި ހަމަނުޖެހުން ތަކުގެ ސަބަބުން އެ މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ހިތްތަކުގައި އުފެދޭ ބިރުވެރިކަން "ބްރޯކެން ވިންޑޯ ތިއަރީ" ގައި ބޮޑު ރޯލެއް ކުޅޭކަމަށާއި މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި، ފަރުދުންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ކެނޑި، އުއްމީދު ގެއްލިގެން ދިއުމުން އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ފަރުދުން ގެނބިގެންދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މި ޕްރޮސެސް މިގޮތަށް ހިނގަންފެށުމުން، ހަމަނުޖެހުންތަކުގެ ތެރެއިން ކުށްތައް ހިނގައި، އެ ކުށްތަކުގެ ތެރެއިން އިތުރު ހަމަނުޖެހުންތަކާއި ބޮޑެތި ކުށްތައް ހިނގަމުންދާ ކަމަށެވެ.
މި ސެޝަންގައި މިނިސްޓަރ ވަނީ "ބްރޯކެން ވިންޑޯ ތިއަރީ" އެޕްލައި ކުރެވޭނެ މިންވަރާއި މި ތިއަރީގެ ލިމިޓޭޝަންސްތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
އައިލްސްއިން ހިންގާ ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގައި 35 ބައިވެރިއަކު ދަނީ ކޯސް ފުރިހަމަކުރަމުންނެވެ.
ފުލުހުންނަށް ހިންގާ ކޯހެއްގައި މިނިސްޓަރ އުމަރު ކިޔަވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ