މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީސް ސައްޙައެއް ނޫން - ނިހާން

ޕީޕީއެމް އެތެރޭގެ ކޯޅުން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށް، ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެމަނިކުފާނަށް ލަފާ ދެއްވާނެ މަޝްވަރާ މަޖިލިހެއް އިއްޔެ އެކުލަވާލާފައިވާއިރު، އެއީ ސައްޙަ މަޖިލީހެއް ނޫންކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ބައެއް ނިންމުންތައް ސައްޙަ ނުވާނެކަމަށް އިއްޔެ ރައީސް މައުމޫން ވިދާޅުވެފައި ވަނިކޮށް، ޕީޕީއެމްގެ ޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ކައުންސިލްގެ ރުހުމަކާ ނުލައި ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީސް ސައްޙަ ނުވާނެކަމަށެވެ.
އެ އިސްލާހީ ހަރަކާތާ ބެހޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެ އިސްލާހީ ޕްރޮގްރާމުގައި "އަޅުގަނޑަށް މަޝްވަރާ އާއި ލަފާދެއްވާނެ މަޖްލީހެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ޤަވާއިދުގައިވާ "މަޝްވަރާ މަޖިލީސް" މިއަދު އަޅުގަނޑު އުފައްދައިފިން" ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި ބުނާގޮތުން އެ މަޖްލީހުގައި ތިއްބަވާނީ ޕާޓީގެ ރައީސްގެ އިތުރުން 8 މެމްބަރުންނެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 39 ވަނަ މާއްދާއިން ރައީސް މައުމޫން އަމިއްލަފުޅަށް މަޝްވަރާ މަޖްލީހެއް އުފެއްދުމުގެ ބާރު ލިބިވަޑައެއް ނުގަންނަވައެވެ.
އެޕާޓީގެ އަސާސީ ޤަވާއިދުގެ 39 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަޤުސަދުތައް ހާސިލްކުރުމަށްޓަކައި ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލްގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލެވިފައިވާ މަޖިލީހެއް އޮންނަންވާނެ ކަމަށެވެ. އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޕާޓީގެ މަޝްވަރާ މަޖިލީހަކީ، ޕާޓީގެކައުންސިލްގެ ރުހުމާއެކު ޕާޓީގެ ރައީސް އައްޔަންކުރައްވާ މަޖިލީހެއް ކަމަށެވެ.
ރައީސް މައުމޫން އިއްޔެ ކުއްލި ގޮތަކަށް "މަޝްވަރާ މަޖްލީސް" އުފެއްދެވިއިރު އަސާސީ ޤަވާއިދުގައި ބުނެފައިވާގޮތަށް ޕާޓީގެ ކައުންސިލްގެ ރުހުން ހޯއްދަވާފައެއް ނުވެއެވެ. ޕީޖީ ގުރޫޕްގެ ލީޑަރު ނިހާން ވަނީ މިއަދު އެކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ