ރާއްޖޭގައި އިސްލާމްދީން އޮންނާތީ ނަޝީދު ކަންބޮޑުވޭ: ގާސިމް

ރާއްޖޭގައި އިސްލާމްދީން އޮންނާތީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެލައްވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް އިތުރު ކުރުމަށް މ. ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން އޮންނާތީ، ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަތުމަކީ ވަަރަށް ދެރަ ކަމެއް ކަމަށެވެ.
"ރާއްޖޭގައި ގާތްގަނޑަކަށް އެއްހާސް އަހަރުވަންދެން އިސްލާމްދީން މި އޮންނަ އޮތުމާމެދުގައި ބަޔަކު ކަންބޮޑުވެގެން އުޅޭކަން، މީހަކު ކަންބޮޑުވެގެން އުޅޭކަން. މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ. އެ މީހަކީ ކާކުތޯ އަޅުގަނޑު، ކޮށި ކުޑަކޮށްލާފައި ގެންނަ ކަމަަށް ވަންޏާ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް މިއަދު ހުންނެވި މުހައްމަދު ނަޝީދު" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށް ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާއިރު، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރައްޔިތުންނަށް އިހްލާސްތެރި ވުމަށް ހުވައި ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ހުންނެވި ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި ވިދާޅުވީ، އެކި އަރިއަރިއަށް ހުރެ އިސްލާމްދީނާ ދެކޮޅަށް ރައީސް ނަޝީދު ބޯޅަތައް ޖައްސަވަމުން ގެންދަވާއިރު، އެ ބޯޅަތައް ޖައްސަވަނީ އަމިއްލަ ބައި ކޮޅަށް ކަމަށެވެ.
ރާއްޖޭގައި އިސްލާމްދީން އޮންނާތީ ރައީސް ނަޝީދު ކަންބޮޑުވެލައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ގާސިމް ފާޑުވިދާޅުވިއިރު، ގިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ، މީގެ ވިއްސަކަށް އަހަރު ކުރިން ދިވެހިން އުޅުނު ގޮތް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި ވިދާޅުވީ، ދިވެހިން ކުރިން ކުރަމުން އައި ކަންކަމާއި ހެދުން އެޅުމާއި އާސާރީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ ބިދުއައެއް ކަމަށް ވެސް ދިވެހިންގެ ތެރެއިން ބަޔަކު ދެކެން ފަށައިފި ކަމަށާއި ނަމަވެސް ދިވެހިންނަކީ އިންޑިއާ ކަނޑުގެ މެދުގައި ތިބޭ ރަށްފުށު ބަޔަކަށްވާއިރު ދިވެހިން އުޅުނު ގޮތް ދޫނުކޮށް ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ