އަންހެނުންނަށް އިސްކަންދޭ ނަމަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އެންމެ ހަތަރު ގޮނޑި ދިނީ ކީއްވެތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
މިރޭ ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު އަދި މާމިގިިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހޮވި 65 މެމްބަރުންގެ ތެރޭގައި ވެސް ހިމެނެނީ އެންމެ ހަތަރު މެމްބަރުން ކަމަށާއި 33 ޕަސެންޓް ލައިގެން މަޖިލީހަށް ވެސް އަންހެނުން ހޮވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"65 މެމްބަރުންގެ ތެރޭގައި ހަތަރެއް، ކީއްވެގެންތޯ؟. އެބުނާ މޮޅު ޕާޓީން ކީއްވެގެންތޯ ވެރިކަމުގައި އޮވެގެން އެކަން ނުކުރެއްވީ؟. ކީއްވެގެންތޯ ތިބުނާ 33 ޕަސެންޓު ލައިގެން ކާމިޔާބު ނުކުރެއްވީ؟. މިއީ ނޫންތޯ ސުވާލަކީ؟،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަސައްކަތްކޮށްގެން ކައުންސިލްތަކުގައި 100 ޕަސެންޓު އަންހެނުން ތިބުމުގެ ބާރު މިހާރުވެސް އެބައޮތް ކަމަށެވެ.
"އެއީ ކަމުދާ ގޮތެއް ނޫން. އަންހެން ބޭފުޅުން ވެސް ނުކުމެވަޑައިގެން މަސައްކަތް ކުރައްވަންވީ. މިހާރު އެބައޮތް 100 ޕަސެންޓް އަންހެނުން ކައުންސިލްތަކުގައި ތިބުމުގެ ފުރުސަތު ވެސް. ނަމަވެސް މި ބަދަލު ގެނައުމުން އެ ފުރުސަތެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިގޮތަށް ކަންކުރަން ނިންމީމަ، އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބާ ހިލާފުވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގައި އޮންނާނީވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 17 ވަނަ މާއްދާ، ހ. ގައި ބަޔާންކޮށްފައިވަނީ "މިބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެއެވެ..،" ކަމަށެވެ.
މިރޭ ގާސިމް ދެއްކެވި ވާހަކައިގައި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރަން މަޖިލީހުން މިއަދު ފާސްކުރުމުން އެކަން ފާހަގަކޮށް ސަރުކާރަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން އޭނާ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ދެފަހަރަކު ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރުކުރަން އިސްލާހު ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީން ހުރަސްއެޅި ކަމަށެވެ. އަދި މިއީ "ފްރީ ސޮސައިޓީއެއް" ކަމަށާއި ކޮންމެ އަންހެން ބޭފުޅަކުވެސް ނުކުމެ މަސައްކަތްކުރަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ފްރީ ސޮސައިޓީއެއް. އެހެންވީމާ ކޮންމެ އަންހެން ބޭފުޅަކުވެސް ހިންމަތާއެކު މަސައްކަތް ކުރީމަ، ބައްލަވާ މާރިޔާ އަހުމަދު ދީދީ، ބައްލަވާލައްވާ އީވާ އަބްދުﷲ، ބައްލަވާލައްވާ ދިޔާނާ ސައީދު، މިހެން ގޮސް ކިޔަންވީ ނޫންތޯ ސ އަތޮޅުގެ މެމްބަރު ރޮޒެއިނާ އާދަމް، ކޮބައިތޯ އެ ބޭފުޅުންނަށް ނުކުރެވުނު ކަމެއް؟. ކުރިމަތިލެއްވި ކޮންމެ ކަމެއް ކާމިޔާބު ކުރެއްވި،'' ގާސިމް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެމްބަރުންގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ހިމަނާފައިވާ އިސްލާހެވެ. މި އިސްލާހަށް އަމަލު ކުރުމަށް ތައްޔާރުވަމުންދާ އިރު، މި އިސްލާހާ ހިޔާލުތަފާތުވުންތަކެއް ވެސް ހުއްޓެވެ. އެއްބަޔަކު ގަބޫލްކުރާގޮތުގައި އަންހެނުންނަށް ގޮނޑިއެއް ހާއްސަކުރުމަކީ ތަފާތު ކުރުމެއް ކަމަށެވެ. އަދި އިސް މަގާމުތަކަށް އައްޔަންކުރަން ވާނީ ޖިންސަކަށް ބެލުމެއްނެތި، ކަމަށް އެންމެ ގާބިލު މީހާއެވެ. އަނެއްބަޔަކު ގަބޫލު ކުރާގޮތުގައި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދޭނަމަ، އިތުރު އެހެން މަގާމަކަށް އަންހެނަކު އިންތިހާބު ކުރެވިގެން ނުވާނެއެވެ.
އެ އިސްލާހަށް ބަހުސްކުރައްވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދެއް ހާއްސަކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"އަންހެނުންގެ ގާބިލުކަމާއި، އަންހެނުންގެ ތަޖުރިބާ އާއި އަންހެނުންގެ ހިންގުންތެރިކަމާއި، އަންހެނުންގެ ކޮމިޓްމަންޓް ކަމަށް ހުންނަ ގަދަރާއި އިހުތިރާމު ކިތަންމެ ވަރަކަށް ދެއްކިޔަސް އަންހެނުންނަކަށް ހަގީގަތުގައި މީހުން ވޯޓެއް ނުލާ،" ޖީހާން ވިދާޅުވިއެވެ.
މީގެ އެންމެ ބޮޑު ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ ތިން އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކެވެ. އިންތިހާބުތަކުގައި ވާދަކުރާ އަންހެނުން އަންނަނީ އިންތިހާބަކަށްފަހު އިންތިހާބެއް އިތުރުވަމުންނެވެ. ނަމަވެސް ވޯޓުން ހޮވެނީ ވަރަށް މަދު އަންހެނުންނެވެ.
އަންހެނުންނަށް އިސްކަންދޭ ނަމަ އެމްޑީޕީން މަޖިލީހަށް އެންމެ ހަތަރު ގޮނޑި ދިނީ ކީއްވެތޯ ގާސިމް ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ