ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަނެއް ނުކުރެވޭނެ - ގާސިމް

ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަން ކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގައި ތިއްބަވާ މެންބަރުންގެ ތެރެއިން 33 އިންސައްތަ މެންބަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ލާމަރުކަޒީ ޤާނޫނަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ.
ޖޭޕީގެ މައި ޖަގަހައިގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކައުންސިލްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަ ކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށެވެ.
"އެއީ ކަމުދާ ގޮތެއް ނޫން. އަންހެން ބޭފުޅުން ވެސް ނިކުމެވަޑައިގެން މަސައްކަތް ކުރައްވަންވީ. މިހާރު އެބައޮތް 100 ޕަސެންޓް އަންހެނުން ކައުންސިލްތަކުގައި ތިބުމުގެ ފުރުސަތު ވެސް. ނަމަވެސް މި ބަދަލު ގެނައުމުން އެ ފުރުސަތެއް ނޯންނާނެ." ގާސިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރަން މަޖިލީހުން މިއަދު ފާސްކުރުމުން ގާސިމް ވަނީ އެކަން ފާހަގަކޮށް ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ.
ނަމަވެސް ގާސިމް ވިދާޅުވީ ޤާނޫނުތަކަށް ގެންނަ ބަދަލަކީ ވަކި ބަޔަކު ކްރެޑިޓް ނަގަން ޖެހޭ ގޮތައް އޮތުމަކީ އޮންނަން ޖެހޭ ގޮތް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ކޮންމެ މީހަކު ހުށަހެޅި ނަމަވެސް ރަނގަޅު އެއީ ރަނގަޅު ކަމަށް ބަލައިގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރު ކުރަން ހުށަހެޅުމުން އެކަމަށް އެމްޑީޕީ އިން ހުރަސްއެޅި ކަމަށެވެ.
ގާސިމް މިރޭ ވިދާޅުވީ މީގެ ކުރީގައި ކަންތައްތައް ވަމުންދިޔަ ގޮތާއި މެދު ވިސްނުމަށް ފަހު މިހާރު ބަދަލުތައް ގެނެސްގެން މިދަނީ މަސައްކަތް ކުރަމުން ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ފެންނާނެ ކަމަށެވެ.
ގައުމަށް ލިބުނު ކުރިއެރުން ހެޔޮ ހިތުން ގަބޫލުކުރަން ޖެހޭ ކަމަށާއި ނަމަވެސް ހެޔޮ ބަދަލުގެ ސަބަބުން ހުސް ރަނގަޅެއް ނާންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މިއަދު މި ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން ދާއިރު ފޮނި މޭވާ އާއި ފޮނި ނޫން މޭވާ ވެސް ލިބޭނެ. ބޭނުން ނުވާ ކަންތައްތައް ވެސް އަންނާނެ." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ