އަރުހަމްގެ މަރުގެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ކުރިމިނަލް ކޯޓުން ނިންމާލައިފި

ރުހަމްގެ މަރުގެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ކުރިމިނަލް ކޯޓުން މިއަދު ނިންމާލައިފިއެވެ.
2012 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާއުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި، ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި، ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފާއި، މއ. ސީނަރީ ވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
މިމައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބައްލަވާއިރު ދައުވާ ލިބޭ އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އަރުހަމްގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ކަމަށްވެސް ދައުލަތުގެ ވަކީލާވަނީ ވިދާޅުވެފައެވެ.
ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް އެބަހުރިކަމަށާއި، ދައުވާގައި އިތުރުބައަކާއެކު އެމީހުން އެތަނަށް ދިއަކަން ބަޔާންކޮށްފައި އޮތް އިރު، އެ އިތުރު ބައަކީ ކޮން ބައެއްކަން ތަހުގީގުން އެގިފައިނުވާ ކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިނުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ދެން އޮންނާނީ މައްސަލަ ދިރާސާ ކުރުމަށްފަހު މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އެ މައްސަލަ ބަލަމުން ގެންދިއަ ގާޒީ ވަނީ ދެފަހަރެއްގެ މަތިން ބަދަލުކޮށްފައެވެ. އެންމެ ފުރަތަމަ ގާޒީ މުހުތާޒް ފަހުމީ އެ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް އޭނާ އަތުން އެ މައްސަލަ ނެގުމަށްފަހު، ދެން އެ މައްސަލައާ ހަވާލުވީ ގާޒީ އަބްދުﷲ ދީދީއާއި އެވެ. އެހެން ނަމަވެސް ގާޒީ އަބްދުﷲދީދީ އަށް އެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވެވެނީސް އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ