މުސްތޮފާ އާއި އާދިލުގެ ގޮނޑި ގެއްލޭ މަންޒަރު ބަލަން އެމްޑީޕީ ތައްޔާރުވޭ: އުމަރު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި އާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ ގޮނޑި ގެއްލޭތަން ބަލަން އެމްޑީޕީ ތައްޔާރުވުމަށް އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
ޒެޑް ފެކްޝަންގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ބައިވެރިވެވަޑައިގެން، އާޓްފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ޑީއާރްޕީން ގަނެވޭ މެންބަރުން ގަނެގެން އެމްޑީޕީއަށް ގެއްދިއަޔަސް، ޒެޑް ފެކްޝަނުން ތިބީ "މުނާފިގުންނާއި އިހްލާސްތެރިންނާ" ދޭތެރޭގައި "ރޮނގެއް" ދަމާލައިގެން ކަމަށެވެ.
ތިމަރަފުށީ މުސްތަފާ އާއި މަރަދޫ ދާއިރާގެ ހަސަން އާދިލުގެ މައްޗަށް ކޯޓްގައި ހިގަމުންދާ ދެ މައްސަލައިގެ ޝަރީއަތް ނިމޭ ގޮތަކުން އެ ބޭފުޅުންގެ ގޮނޑި ރައްޔިތުންގެ މަޖިލީހުން ގެއްލޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ، އެ ގޮނޑި ގެއްލޭތަން އެމްޑީޕީން ބަލަން އޮތުމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެމްޑީން ދެ ގޮނޑި ގެއްލެން ތައްޔާރުވާށޭ. ފުރަތަމަ ގޮނޑިއަކީ ތިމަރަފުށީ ދާއިރާގެ މުސްތަފާގެ ގޮނޑި. ހަނދުމަފުޅު ހުންނާނެ ސުޕްރީމް ކޯޓްގައި އޮންނާނެ މިހާރު މައްސަލައެއް، އަޅުގަނޑުލާފައި އޮތް މައްސަލައެއް. އެ މައްސަލަ މިހާރު އޮތީ ނިމި، ބަޔާންތަކުގައި ސޮއިކޮށް، ހުކުމާ ހަމައަށް އައިސްފަ. އަޅުގަނޑަށް ޔަގީން މުސްތަފާއަށް އެ ގޮނޑި ގެއްލޭނެ ކަން. ދެ ވަނަ ގޮނޑިއަކީ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލް ހިންގި ]ކަމަށް ތުހުމަތުކުރާ[ އާދިލްގެ ގޮނޑި. އެހެންވީމަ މިކޮޅުން ]ޑީއާރްޕީން[ ގަނެވޭ އެއްޗެހި ގަނެގެންދޭ،" އުމަރު ނަސީރު ވިދާޅުވި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ގެންދިޔައީ ރިޝްވަތުގެ ފައިސާގެ ތެރެއިން ކަމަށް ތުހުމަތުކޮށް އުމަރު ވިދާޅުވި އެ ދެ މެންބަރުން ގެންދެވި ނަމަވެސް އެމްޑީޕީއަކަށް "ހަމަހިލާ މަޖިލީހުގެ މެޖޯރިޓީ ނުގެންދެވޭނެ" ކަމަށެވެ. މަޖިލީހުގެ މެޖޯރިޓި ލިބިފައިވާ ކަމަށް އެމްޑީޕީން ބުނާއިރު، އެ ޕާޓީއަށް މިހާރު މަޖިލީހުގައި ލިބޭނީ 35 މެންބަރުންގެ ވޯޓް ކަމަށާއި އެއީ އެ ޕާޓީއާށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދެއްވާ މެންބަރުންނާއެކު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. މަޖިލީހުގައި ޑީއާރްޕީގެ މެންބަރުންނާއި ޕީއޭގެ މެންބަރުނާއި އަދި އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދެއްވާ އަމިއްލަ މެންބަރުނާއެކު ޖުމްލަ 42 މެންބަރުންގެ ވޯޓް ލިބޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމްޑީޕީގެ އަގުލަބިއްޔަތު މަޖިލީހުގައި ކިތަންމެ ވަރަކަށް ބޮޑުކުރިޔަސް، ރައްޔިތުނަށް ގެއްލުންވާނެ ފަދަ ކަމެއް ކުރާނަމަ މަޖިލީހުގައި އެމްޑީޕީއަށް އެފަދަ ފުރުސަތައް ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓްގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ލިބުމާއެކު އެކިފަރާތްތަކުން ހުށަހެޅުންތައް އައި ކަމަށާއި އެ ގޮތުން އެ އަދަދުތައް ތިން މިލިއަނުން ފަށައި މިހާރު 25 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތައް ހުށަހެޅީ ކޮން ޕާޓީއަކުން ނުވަތަ ކޮން ބޭފުޅެއް ކަމެއް މަހުލޫފު ވިދާޅެއް ނުވެ އެވެ.
ރޭގެ ޖަލްސާގައި ޒައީމް މައުމޫން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ މަނިކުފާނު އެ ޖަލްސާގައި ވާހަކަފުޅެއް ނުދައްކަވަ އެވެ. އަދި ޖަލްސާގެ މެދުތެރެއިން އެ މަނިކުފާނު ޖަލްސާ ދޫކޮށްލައްވައި ވަޑައިގެނެވެވި އެވެ. ޒެޑް ފެކްޝަންގެ މި ޖަލްސާއަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އާޓްފިޝަލް ބީޗަށް ޖަމާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ