ގާނޫނޫގެ ވެރިކަން ނަގަހައްޓާނަން: ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައި ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިހެން ބުނީ މިއަދު އެ ކޯޓުން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެކަމަކު މި ބަޔާން ނެރުނު ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށެވެ.
މި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
މިފަދަ ބަޔާނެއް ސުޕްރީމް ކޯޓުން ނެރުނު ވަކި ސަބަބެއް ބަޔާނުން ސާފުވާން ނެތް ނަމަވެސް މިއީ ރައީސް އަބްދުﷲ ޔާމިން ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅުގައި އިއްޔެ އެއްޗެއް ގޮވާ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި އެހެން ބައެއް ބޭފުޅުންނަށް އަނިޔާވި ހާދިސާއާއި ގުޅިގެން ނެރެފައިވާ ބަޔާނެއް ކަމަށް ބެެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ