ގާޒީ ބާރީގެ ފޮޓޯ ނަގައި އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯ ނަގައި އިންޒާރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެދުވަހުގެ ޖަސްޓިސް ބިލްޑިންގުގެ އުތުރު މަގުގައި ގާޒީ ބާރީ އެހެން މީހަކާ އެކު ހުންނަވަނިކޮށް އެތަނަށް އައި މީހަކު ގާޒީ ބާރީގެ ނުރުހުމުގަި ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.
"ކަލޭމެންގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާ ގޮތް އަހަރެމެންނަށް އިނގޭ. ކަލޭމެން ހަދާ އެއްޗެއް ހަދާށޭ. ތިމަންނަ ކަލޭމެންގެ ފޮޓޯ ނަގާނަމޭ،" ބާރީގެ ފޮޓޯ ނެގި މީހާ ފޮޓޯ ނަގަމުން ބުނި ކަމަށް ސިޓީގައިވެ އެވެ.
މިސިޓީއާއި އެކު ފޮޓޯ ނެގި ކަމަށް ބުނާ މީހާގެ ފޮޓޯއަކާއި އޭނާ ދުއްވި ސައިކަލް ނަންބަރު ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
މިސިޓީގައި ބުނެފައިވަނީ ގާޒީ ބާރީއަށް އިންޒާރު ދިން މީހާ ހޯދުމަށްފަހު ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާއި މެދު ފިޔަވަޅު އެޅުމަށްވެސް އަންގާފަ އެވެ.
މިމައްސަލާގައި ފުލުހުންނަށް ގުޅާލުމުން ބުނީ ކްރިމިނަލް ކޯޓުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ