ރައީސް ވަހީދުގެ ހުށަހެޅުއްވުން ރިޔާސީ ތިން ކެންޑިޑޭޓުން ގަބޫލުކުރައްވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހެޅުއްވި ހުށަހެޅުއްވުން ތިން ކެންޑިޑޭޓުން ވެސް ގަބޫލުކުރައްވައިފި އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ ރައީސް ވަހީދުގެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށާއި ބައްދަލުވުމަށް ކެންޑިޑޭޓުން ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއިއެކު ރައީސް ވަހީދު ބައްދަލުކުރައްވާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި ރައީސް އޮފީހުގައި ކަމަށެވެ.
ރިޔާސީ ކެންޑިޑޭޓުންނާ ރައީސް ބައްދަލުކުރައްވަނީ ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ސުލްހަވެރި އިންތިހާބަކަށް ހެއްދެވުމަށް ރައީސް ވަހީދު ބޭނުންފުޅުވާތީ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރިޔާސީ ތިން ކެންޑިޑޭޓުން މީގެކުރިން ވަނީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ބައްދަލުކުރައްވާފައެވެ. އަދި ރައީސް ވަހީދު މިތިން ބޭފުޅުންނާއި ވެސް ވަކިވަކިން ބައްދަލުކުރައްވާފައިވެ އެވެ.
އެހެންނަމަވެސް މިއީ 4 ބޭފުޅުން ވެސް އެކީ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ