ނާޝިޒާއި އާޒިމް ވަކިކުރުމަށް ސުޕްރީމް ކޯޓުން ހިންގަނީ ޖަރީމާއެއް - ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު އޮންނައިރު ނާޝިޒާއި އާޒިމް ވަކިކުރަން ސުޕްރީމް ކޯޓުން ހިންގަން އުޅެނީ ޖަރީމާއެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ވަގުތެއްގައި އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކުރެއްވި ޓުވީޓެއްގައި އެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އާޒިމާއި ނާޝިޒް މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސްޕރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާކަމަށާއި އެކަމަކީ ސްޕްރީމް ކޯޓުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށެވެ.
އަދި އެކަން ހުއްޓުވުމަށް ކުރެވެން ހުރިހާކަމެއް ކުރުމަކީ ރައްޔިތުންގެ މައްސޫލިއްޔަތެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ސުޕްރީމް ކޯޓުން ނާޝިޒާއި އާޒިމް މަޖިލީހުން ވަކިކުރުމަށް ހިންގާ ޖަރީމާ ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއް." ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:30 އަށެވެ.
ގާނޫނީ ވަކީލު މުހައްމަދު ހަލީމް ހުށަހެޅި މި ދައުވާގައި ބުނަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
ނާޝިޒާއި އާޒިމްގެ ގޮނޑި އާއި މެދު ސުވާލު އުފެދުނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަގާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކި މައްސަލައިގަ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ