މާއުނގޫދޫއިން ކަރަންޓު ކެނޑޭ މައްސަލަ އަނެއްކާވެސް ދިމާވާން ފަށައިފި

ށ.މާއުނގޫދޫއިން މިއަދު ހެނދުނު ކަރަންޓު ކެނޑޭ މައްސަލަ ދިމާވާން ފަށައިފި އެވެ.
އެރަށުން ވާހަކަދެއްކި މީހަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ އިންޖީނުގޭގައި ހުންނަ ދެ ޖަނަރޭޓަރުން އެއް ޖަނަރޭޓަރު ހަލާކުވެ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 7:00 ޖެހިއިރުން ފެށިގެން ކަމަށާއި މިރޭ ވެސް ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
މީގެކުރިން އެރަށުގައި ހުންނަ ބޮޑު ދެ ޖެނަރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު ހަލާކުވެ ރަށުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެމުންދާތީ އެރަށު ބަޔަކު މުޒާހަރާވެސްކުރި އެވެ.
މާއުނގޫދޫ ކައުންސިލުން ބުނީ އެ ރަށު އިންޖީނުގޭގައި 80 ކިލޯގެ ދެ ޖަނަރޭޓަރު ހުންނަ ކަމަށާއި ހަލާކުވި ޖަނަރޭޓަރަށް އެކި މައްސަލަ ދިމާވަމުން އަންނަތާ ދެ މަސް ދުވަސް ވެދާނެ ކަމަށެވެ. އަދި މިފަހަރު ޖެނެރޭޓަރުތައް ހަލާކުވީ ފެންޕަންޕެއް ފަޅައިގެން ގޮސްގެން ކަމަށް ވެސް އެކައުންސިލުން ބުނެ އެވެ.
މާއުނގޫދޫ ކަރަންޓުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނަށް ގުޅުމުން އެތަނުން ޖަވާބެއް ނުދެ އެވެ.
މާއުނގޫދޫއަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު ރ. އަލިފުއްޓަށް ވެސް ވަނީ ކަރަންޓުގެ މައްސަލަ ދިމާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ