ތިނަދޫ ކޯޓުގެ ގާޒީ ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި

ގދ. ތިނަދޫން މަސްތުވާތަކެއްޗާ އެކު ރޭ ހައްޔަރުކުރި، އެ ރަށު ކޯޓުގެ މެޖިސްޓްރޭޓެއް ކަމަށްވާ އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
އިބްރާހިމް ރަޝީދު 38، ގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި އޭނާ މާލެ ގެނައީ މިރޭގަ އެވެ.
ހައި ކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލީ، އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި އިޖުރާއަތުގައި މައްސަލަތަކެއް ހުރުމުން ކަމަށް "މިހާރަ"ށް އެނގިފައިވެ އެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ވާތީ، ޝަރީއަތުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުގެ ތަފުސީލެއް ނޭނގެ އެވެ.
އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ކޯޓުތަކުން ގޮތެއް ނިންމަނީ އެ ޝަރީއަތުގެ މަޖިލިސް ސިއްރު ކޮށްގެންނެވެ.
ފުލުހުން ތިނަދޫން ރޭ ހޯދި މަސްތުވާކެތި: މި މައްސަލާގައި ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ރޭ ހައްޔަރުކުރި ނަމަވެސް އޭނާ ދޫކޮށްލަން ހައި ކޯޓުން ވަނީ އަމުރުކޮށްފައި..--ފޮޓޯ:ޕޮލިސް
މަސްތުވާތަކެއްޗާ އެކު ތިނަދޫން ރޭ ހައްޔަރުކުރީ އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް ކަމެއް ހާމަނުކޮށް، މިއަދު ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ، އޭނާ ހައްޔަރުކުރިއިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ،" ފުލުހުން ބުނެފައިވެ އެވެ.
ހޯމް މިނިސްޓަރު އުމަރު "މިހާރާ" ވާހަކަ ދައްކަވަނީ: ތިނަދޫ ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު ޑްރަގްސްއާ އެކު ހައްޔަރުކުރުމުން ފުލުހުންގެ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށް އުމަރު ވިދާޅުވި ނަމަވެސް، ހައި ކޯޓުން ވަނީ އެ ގާޒީ ދޫކޮށްލުމަށް މިރޭ އަމުރުކޮށްފައި..---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
ތިނަދޫ ކޯޓުގެ ގާޒީ ދޫކޮށްލަން ހައި ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ފުލުހުންނަށް ތައުރީފު ކުރައްވައިފަ އެވެ. ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނެވި މިނިސްޓަރު އުމަރު ވިދާޅުވެފައި ވަނީ ފުލުހުންގެ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށާއި ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ